ދުންޔާ މައުމޫން

ޗައިނާގެ ރައީސް އުއްމީދީ ސިޔާސަތުތަކަށް ރައީސް ޔާމީން ތާއީދުކުރައްވާ: ދުންޔާ

ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގެ އުއްމީދީ ސިޔާސަތުތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތާއީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ، ރައީސް ޝީގެ އުއްމީދީ ސިޔާސަތުތަކަށް ރައީސް ޔާމީން ތާއީދުކުރައްވާ ކަމަށާއި އެގޮތުން ޝީގެ އިސްނެގުމާއެކު ފަށާފައިވާ މެރިޓައިމް ސިލްކު ރޫޓުގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ގައުމަކީ ރާއްޖެ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމަށް އަލި އަޅުއްވާލަމުން ދުންޔާ ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރަމުންދާ ކަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ފައިދާ ދެގައުމަށް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"އާ ބެހޭގޮތުން ދުންޔާ ވިދާޅުވީ، އެ ބްރިޖަކީ ރައްޔިތުން ދެކެމުން ދިޔަ ހުވަފެނެއް ކަމަށެވެ. އަދި ބްރިޖްގެ މަޝްރޫއު ނިމިގެން ދިއުމުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަ ރަމްޒެއް ފެންނަން ހުންނާނެ ކަމަށެވެ.

އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.

ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބްރިޖްގެ މަޝްރޫއަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެވެ.