އިސްކޮޅުން އާދަޔާ ޚިލާފަށް ކުރު (ޑްވޯފް) ދެ މީހެއްގެ ކައިވެނި ހަމަ ލޮލުން ދެކި ލުމަކީ ވަރަށް މަދުން ނޫނީ ލިބޭނެ ފުރުސަތެއް ނޫނެވެ. އިންޑިޔާގެ ބަގްލާޕޫރު އަވަށުގައި ބޭއްވި މި ފަދަ ދެ މީހެއްގެ ކައިވެންޏަށް ދައުވަތު ނުދޭ އެތައް ބަޔަކު ގޮސް އެތަނުގެ އިންތިޒާމް މުޅިން ނަގާލީ ގިނަ ބަޔަކު މި ކައިވެނި ކުރާތަން ބަލާހިތުން ތިބި ވަރުންނެވެ.
އިސްކޮޅުން ތިން ފޫޓުގެ މުންނާ ބާރްތީ، 26، އާއި އިސްކޮޅުން 2.8 ފޫޓުގެ ކިޝޯރީ މަންޑަލް، 24، އަކީ އެމީހުން ދިރިއުޅޭ ސަރަހައްދުގައި ސެލެބްރިޓީންގެ ދަރަޖަ ލިބިފައިވާ ދެ މީހުންނެވެ. އެހެންވެ މި ދެ މީހުންގެ ކައިވެނީގެ ވާހަކަ ވެސް މުޅި އެހިސާބުގަނޑުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އަދި ކޮންމެ މީހަކު ވެސް އެ ކައިވެނި ކުރާތަން ހަމަ ލޮލުން ދެކިލަން ބޭނުންވި އެވެ.
މަމްތާ އާއި މުންނާގެ ކައިވެންޏަކީ މަޝްހޫރު ސެލެބްރިޓީންގެ ކައިވެންޏަށް ވުރެ ވެސް މީހުން މާ ބޮޑަށް އެ މަންޒަރުތައް ދެކިލަން ބޭނުންވި ކައިވެންޏެކެވެ. އެހެންވެ ކައިވެނި ކުރަން އޮތް ތަނަށް ދައުވަތު ނުދޭ އެތައް ސަތޭކަ ބަޔަކު އައިސް މުޅިތަން އޮތީ ފުރާލީ އެވެ. އަދި މި ދެމަފިރިންނާއެކު ސެލްފީ ނަގަން މި އެންމެން ބޭނުންވެ ބޮޑު މައްސަލައަކަށް މިކަންތައް ވެގެން ދިޔަ އެވެ.
ކައިވެނިކުރި ފިރިހެންމީހާ މުންނާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ޑްވޯފަކަށް ވާތީ ދަރިފުޅާ ކައިވެނިކުރާނެ އަންހެނަކު ހޯދުން އެމީހުންނަށް ވީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.
އެގޮތަށް ހޯދަމުން ދަނިކޮށް ކިޝޯރީ ފެނުނީ އެވެ. އަދި ދަރިފުޅަށް އެކަށީގެންވާ އަންބަކު ލިބުނީ ހަމަ ނަސީބުން ކަމަށް މުންނާގެ ބައްޕަ ބުންޏެވެ. ދެމަފިރިންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެ ގިނަ ބަޔަކު ވަނީ މި ފޮޓޯތަކަށް ކޮމެންޓުކޮށްފަ އެވެ. ކޮންމެ މީހަކުވެސް ބުނެފައިވަނީ މިއީ "އެކަކު އަނެކަކަށްޓަކައި" އުފައްދަވާފައިވާ ޖޯޑެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެންމެން ވެސް ވަނީ އެމީހުންގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވާފަ އެވެ.
އެ އެންމެން ވެސް ބޭނުންވީ މި "ކުޑަ ކުޑަ" ދެ މީހުން ހަމަ ލޮލުން ދެކިލައި އެމީހުން ކައިވެނިކުރާތަން ބަލާލާށެވެ.
އެމީހުންގެ ކައިވެނީގެ ޚަބަރު މުޅި އެ ސަރަހައްދަށް ފެތުރި އެންމެން ވެސް ތިބީ މިކަމާ ވަރަށް އުފަލުންނެވެ. އެ ހިސާބުގަނޑުގެ މީހުން ގަބޫލުކުރާ ގޮތުގައި މިއީ މިއީ "ގުދުރަތުން ގުޅުވައިދިން ދެ މީހެއްގެ" ކައިވެންޏެވެ.