ވިޔަފާރި

ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރުގެ ހަރަކާތްތައް ރައީސް ފައްޓަވައި ދެއްވައިފި

Dec 30, 2015

އަންނަ އަހަރު ފާހަގަ ކުރާ، ވިޒިޓް މޯލްޑިވްސް އިޔާ ފެސްޓިވަލް، ނޫނީ ރާއްޖެ އަށް ޒިޔާރަތް ކުރާ އަހަރުގެ ހަރަކާތްތައް ކާނިވަލްގައި ބާއްވާ މިޔުޒިކް ޝޯއަކާ އެކު ރައީސް މިރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

ދަރުބާރު ގޭގައި މިރޭ ބޭއްވި، ހާއްސަ ހަފްލާއެއްގައި ރައީސް އެ ހަރަކާތްތައް ފައްޓަވައި ދެއްވުމާ އެކު ކާނިވަލްގައި ވަނީ ވިޒިޓް މޯލްޑިވްސް އިޔާ އާއި އާ އަހަރު ފާހަގަ ކުރުމަށް ދެ ރޭގެ މުއްދަތަށް ބާއްވާ މިޔުޒިކް ޝޯ ވެސް ފެށިފަ އެވެ. ޕްރެޒެންޓަރު އައިމިނަތު ނަމްޒާ އާއި ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ހުސެން ކުވަޖަރުވާލާ ހުށަހެޅައިދޭ ޝޯ މިހާރު ދަނީ ފެށިގެން ކުރިއަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ވިޒިޓް މޯލްޑިވްސް ފެސްޓިވަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ރާއްޖެ އަންނަން ދިވެހި ސަރުކާރުން ދޭ ވަރަށް ހާއްސަ ދައުވަތެއް ކަމަށެވެ. އަދި މި ހަރަކާތްތަކުގެ ސަބަބުން އެތައް ގޮތަކުން ރާއްޖެ މަޝްހޫރު ވެގެން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެއިން ޓޫރިޒަމް އިންޑަސްޓްރީއަކަށް އެކަންޏެއް ނޫން. ޒުވާނުންނަށް ވެސް މީގެން ފުރުސަތުތައް ހުޅުވޭނެ. މި ކުރިއަށް ދާ މިޔުޒިކް ފެސްޓިވަލްގައި ވެސް ޒުވާން ބޭންޑްތަކަށް ޒަމާނީ ލައިޓިން އާއި ސައުންޑް ބޭނުން ކޮށްގެން ކުޅެވޭނެ މަގު ފަހިވެފައި ހުންނާނެ. އަންނަ އަހަރަކީ ޓޫރިޒަމް އިތުރު އުސްމިންތަކަކަށް ގެންދާނެ އަހަރެއް،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އެ ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތަކީ، ދުނިޔޭގެ އެންމެ މަގުބޫލު ޓްއަރިޒަމް ފެއާ ބާލިން ފެއާގެ މިއަހަރުގެ އޮފިޝަލް ހޮސްޓް ކަންޓްރީ އަކީ ރާއްޖެ ކަމަށްވުމެވެ. ޗާމަންގެ ޗާންސެލާ އެންޖެލާ މާކެލްއާ އެކު އެ ފެއާ ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައި ވަނީ ރައީސް ޔާމީން ކަން މިރޭގެ ހަފްލާގައި އިއުލާން ވެސް ކުރި އެވެ. ބީބީސީ އާއި އިންޑިއާގެ ބައެއް ސިނަމާތަކުގައި ވެސް މި ފެސްޓިވަލްގެ ޕްރޮމޯޝަން ދަނީ ކުރިއަށެވެ.