ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހު 29ގައި

May 8, 2022

ބެންކް އޮފް މޯލްޑިވްސް -- ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތާރީހު އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން ނިންމާފައިވަނީ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށެވެ.

ބީއެމްއެލް އިން ބުނީ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޕްރީ ރަޖިސްޓާ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޒިރުގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް -- ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށެވެ.

ޖަލްސާގައި ވޯޓުން ނިންމާ ކަންކަމުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވެސް ފަހިވޯޓު މެދުވެރިކޮށެވެ.

ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމާއި މިދިޔަ އަަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު އަހަރީ ޖަލްސާގައި ފާސްކުރާނެ އެވެ.

ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 13 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށެވެ.