ފައްޔާޒް އިސްމާއީލް

މެންބަރުން އެދެނީ އެނބުރި މަގުމައްޗަށް ނުދިއުމަށް: ފައްޔާޒް

އެމްޑީޕީގެ އާންމު މެންބަރުން އެއް އަޑަކުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މި ސަރުކާރު ދެމި އޮތުން ކަމަށާ އަލުން އެނބުރި މަގުމައްޗަށް ނުދިއުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ތާއީދު ހޯއްދެވުމަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ކުރެއްވެވި ޓްވީޓެއްގަ އެވެ. ފައްޔާޒް ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑަކުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މި ސަރުކާރު ދެމި އޮތުން ކަމަށެވެ. އަދި އަލުން އެނބުރި މަގުމައްޗަށް ނުދިއުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މި ތިބީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މި ސަރުކާރު ދަމަހައްޓަން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ވަނީ ވަރަށް ގަދަވެފަ އެވެ. މި އިންތިހާބުގައި ވާދަ ކުރައްވަނީ ފައްޔާޒްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މެންބަރުންގެ ތާއީދު ސާފުކޮށް އޮތީ އިންތި އަށެވެ. ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެންމެ ވަފާތެރި މެންބަރުން ގެންދަވަނީ އިންތިގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެހެން އެއްވެސް އިންތިހާބަކަށް ކެމްޕެއިން ނުކުރައްވާ މިންވަރަށް އެ ބޭފުޅުން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އިންތި ހޮއްވެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އަނެއްކޮޅުން އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އިސް ވެރިންނާއި އެމަނިކުފާނަށް ވަފާތެރި ހުރިހާ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގެން މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.

ޗެއާޕާސަންގެ ކެމްޕެއިންގައި އިމްތިޔާޒް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ފައްޔާޒްވެސް ވަނީ މަދު ރަށަކަށް ނޫނީ ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް ދެ ފަހަރުވެސް ވަޑައިގެންފައިވެއެވެ.

އިންތިހާބު އޮތީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އިންތިހާބުގެ ނަތީޖާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ޔަގީން ކުރުމަށް ވަރަށް މުހިންމު ނަތީޖާ އެކެވެ. އަދި ސިޔާސީ މަސްރަހު ދެން ފުރޮޅޭނެ ގޮތެއްގެ އަންދާޒާ އަކަށްވެސް ނަތީޖާ ވަރަށް މުހިންމެވެ.