ލައިފްސްޓައިލް

ކައިވެނި ކުރުމުން މުސާރަ ބޮޑުކުރާ ކުންފުންޏެއް

ބައެއް ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންގެ ހިތްހަމަޖެއްސުމަށް ވަރަށް ތަފާތު ކަންކަން ކުރެ އެވެ. މުވައްޒަފުންނަށް ދިރިއުޅުމުގެ ކަންތައްތަކާއި އޮފީސް މަސައްކަތްތައް ބެލެންސްކޮށް ކުރެވޭނެ އެންމެ ފުރިހަމަ ގޮތެއް ހޯދައިދޭން މަސައްކަތްކުރާ ކުންފުނިތައް ވެސް އެބަހުއްޓެވެ.

އިންޑިޔާގެ މަދުރާއީގައި ހުންނަ މި އައިޓީ ކުންފުންޏަކީ އެހެން ކުންފުނިތަކަށް ވުރެ "އިތުރަށް" މުވައްޒަފުންނަށް ކަންތައްތައް ކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނީގައި މަސައްކަތްކުރާ ސިންގަލް މީހުންނަށް ކައިވެނި ކުރާނެ އެންމެ ރަނގަޅު މީހުން ހޯދައިދިނުން (މެޗް-މޭކިން) ގެ މަސައްކަތް މި ކުންފުނިން މުޅިން ހިލޭ ކޮށްދެ އެވެ. މި ހިދުމަތް ހޯދައިގެން ރަނގަޅު ބައިވެރިޔަކު ހޯދައި އެމީހަކާ ކައިވެނި ކޮށްފިނަމަ އަދި އެ މުވައްޒަފަކަށް ވަކިން ރަނގަޅުވާނެ އެވެ. ސަބަބަކީ އޭރުން އޭނާގެ މުސާރަ ބޮޑުކޮށް ދޭތީ އެވެ.

މޫކަމްބިކާ އިންފޯސޮލިއުޝަންސް ކިޔާ މި ކުންފުނީގައި 750 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން މި ޚިދުމަތްތައް މުވައްޒަފުންނަށް ދޭން ނިންމީ ފާއިތުވީ އެތައް އަހަރަކުއްސުރެ އެ ކުންފުނީގައި މަސައްކަތްކުރާ މީހުން ހަރުލާ މިންވަރު 10 ޕަސެންޓަށް ވުރެ ދަށުގައި ހުރީމަ އެވެ.

މި ކުންފުނިން އަހަރަކު ދެ ފަހަރު މުވައްޒަފުންނަށް 6-8 ޕަސެންޓުގެ މުސާރައިގެ ކުރިއެރުން ވެސް ދެއެވެ. މިހާރު އެ ކުންފުނިން ބޭނުންވަނީ މުވައްޒަފުންނަށް ރަނގަޅު ބައިވެރިން ހޯދައިދިނުމަށްފަހު ކައިވެނިކޮށްފިނަމަ މުސާރައިގެ ކުރިއެރުމެއް ދޭށެވެ.

ކުންފުނީގެ ބާނީ އެމްޕީ ސެލްވަގަނޭޝް ބުނި ގޮތުގައި ކުންފުނީގެ މުވައްޒަފުން އޭނާއާ މެދު ދެކެނީ އެއްބަނޑު އެއްބަފާ ބޭބެއަކާ މެދު ދެކޭ ގޮތަށެވެ. އޭނާގެ ކުންފުނީގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުންނަކީ ކުދި ކުދި އަވަށްތަކުން އައިސް ތިބި ބައެއް ކަމަށާއި އެމީހުންގެ އަމިއްލަ ރަށުގައި ގިނަ ފަހަރު ތިބެނީ ވަރަށް ދުވަސްވީ މައިންބަފައިން ކަމަށްވާތީ ދަރިފުޅު ކައިވެނިކުރާނެ މީހަކު ހޯދައިދޭން އެމީހުންނަށް ގިނަ ފަހަރު އޮންނަނީ ނޫޅެވިފަ އެވެ.

ސެލްވަގަނޭޝް ބުނި ގޮތުގައި އޭނާގެ ކުންފުނީގައި މަސައްކަތްކުރާ 40 ޕަސެންޓް މުވައްޒަފުންނަކީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު އެތަނުގައި ޚިދުމަތްކޮށްފައި ތިބި ބައެކެވެ. އަދި އެއަށް ވުރެ ވެސް ގިނަ ދުވަހު މަސައްކަތް ކޮށްފައި ތިބި މީހުން އެބަ ތިބި ކަމަށާއި އެމީހުން އެހެން ތަނަކަށް ނުގޮސް މުޅި އުމުރަށް އެ ކުންފުންޏަށް ޚިދުމަތްކުރުމަށް ތިބޭނެކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެހެންވެ އެމީހުންގެ އަމިއްލަ ސިކުނޑިއަށް މިފަދަ ޚިޔާލެއް އައުމުގެ ކުރިން އެމީހުންނަށް ލިބެން ޖެހޭ ހައްގުތަކެއް ކުންފުނިން ހޯދައިދެނީ ކަމަށް ކުންފުނީގެ އިސް މީހާ ބުންޏެވެ.