ދައުލަތް ހިންގުމުގައި ތިއްބެވި ދެ ވެރިން ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަހަރު ސަރުކާރަށް ފާޑު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވިއިރު ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރެއްވި ކުރެއްވުމަށެވެ.
ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަކީ ރައްޔިތުންނަށް އޮޅުވާލައިގެން ކުރިއަށް ގެންދިޔަ އިންތިހާބަކުން ފައިދާ ހޯއްދެވި ދެ ބޭފުޅުން ކަމަށެވެ.
ރައީސް ސޯލިހްގެ ނަން ވިދާޅު ނުވެ އެކަމަކު ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މަކަރާއި ހީލަތް ހެދި އިންތިހާބަކުން ފައިދާވި ބޭފުޅެއް ކަމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމުގެ ނަން ގެންނެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ހާލަތަކަށް ދިއުމުން ފައިސަލް ނަސީމަކީ ރާއްޖޭގެ އެންމެ މަތީ ކޯޓުން އެމަނިކުފާނަށް ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވި ބޭފުޅެއް ކަމަށެވެ. އޭގެފަހުން ސުޕްރީމް ކޯޓުން ވެރިކަމުގެ ބާރުތައް އަނބުރާ ރައީސް ސޯލިހާ ހަވާލު ކުރެއްވިތޯ ރައީސް ޔާމީން ސުވާލު އުފައްދަވާފައިވެ އެވެ.
ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ނައިބް ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވީ އެ ދުވަހުގެ ހެނދުނު 6:00 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ފެބްރުއަރީ 25 ވަނަ ދުވަހު ހެނދުނު 9:30 ގައެވެ.