އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ލެކްޗަރާއިން ޓީޗިން ހަދަން އަންގައިފި

May 9, 2022
1

އައިޔޫއެމްގައި ލެކްޗަރާ އިންގެ ގޮތުގައި ކިޔަވައި ދެއްވާ ބޭފުޅުންގެ ތެރެއިން ޓީޗިން ކޯހެއް ފުރިހަމަކޮށްފައި ނުވާ ބޭފުޅުން ޓީޗިން ކޯހެއް ހަދަން އަންގައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިޔޫއެމްގެ ރަޖިސްޓްރާ އަހްމަދު ރައޫފް ވިދާޅުވީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ޓީޗިން ކޯސް ފުރިހަމަކޮށް ނިންމަން އައިޔޫއެމްގެ ފުލްޓައިމް ލެކްޗަރާ އިންނަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެންގީ މިހާރުގެ މާހައުލުގައި ކިޔަވައިދެއްވާ ބޭފުޅުންގެ އަތުގައި ޓީޗިން ސެޓްފިކެޓެއް އޮތުމުގެ މުހިއްމުކަން ގަބޫލު ކުރެވޭތީ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިޒަމަނާގެ ތައުލީމުގައި ކިޔަވައި ދިނުމަކީ ވަކި ކަހަލަ ހުނަރުތަކަކާ އެކު ކުރެވޭ ކަމެއް. ތަފާތު އުކުޅުތައް ވެސް ކިޔަވައިދިނުމުގައި ބޭނުން ކުރަންޖެހޭ. އެހެންވެ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި އެއީ މުހިއްމު ކަމަކަށްވާތީ އެގޮތަށް ނިންމީ،" ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޔޫއެމްގެ ލެކްޗަރާ އިންނަށް ސަރުކާރު ގަބޫލުކުރާ ކޮންމެ ތަނަކުން ވެސް ޓީޗިން ކޯސް ހެދޭނެ ކަމަށެވެ. އެކަމަކު އެންމެ ދަށްވެގެން ޑިޕްލޮމާ ފާސް ހޯދަން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން 2024 ގެ ފަހުން ލެކްޗަރާ އިން ހޯދާއިރު ވެސް ހޯދާނީ ޓީޗިން ހަދާފައިވާ ބޭފުޅުން. މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ޔުނިވަސިޓީން ދޭނެ،" ރައޫފް ވިދާޅުވި އެވެ.

އައިޔޫއެމްގައި ކިޔަވައިދެއްވާ ބޭފުޅުންނަށް ޓީޗިން ކޯހެއް ފުރިހަމަކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އެ ޔުނިވަސިޓީގައި ގެންދަނީ އެތަނުގެ ލެކްޗަރާ އިންނަށް ހާއްސަކޮށްގެން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޗިން ކޯހެއް ވެސް ހިންގަމުންނެވެ.

އައިޔޫއެމްގެ މިވަގުތު 60 ލެކްޗަރާ އިން ކިޔަވަމުންދާއިރު ރާއްޖޭގައި އެންމެ ގިނަ ކޯސްތައް ހިންގާ އެއް ޔުނިވަސިޓީ އަކީ ވެސް އައިޔޫއެމް އެވެ.