މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލާ މަރުކަޒުގައި ވޯޓްލުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު ނެރެފި އެވެ.
އާންމުކުރި އުސޫލުގައި ވަނީ ވޯޓްލާ މަރުކަޒުގައި ވޯޓްލުން ކުރިއަށް ގެންދާނެ ގޮތާއި ވޯޓް ނަގާ ދުވަހު ކުރުން މަނާ ކަންކަމާއި ބާތިލް ވޯޓް ގުނާނެ ގޮތް ތަފްސީލްކޮށް ހިމަނާފައެވެ.
އެގޮތުން ވޯޓްލާ މަރުކަޒުގައި ވޯޓްލާން ފެށުމުގެ ކުރީން އެ މަރުކަޒަކަށް ލިބުނު ވޯޓް ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑާ ގުނައި އެ އަދަދު އިއުލާނު ކުރަން ޖެހެއެވެ. އަދި ވޯޓްލާން ދާ މީހުންގެ ވަނަވަރު ކަށަވަރު ކުރުމަށް ފަހު ލިސްޓްގައި އެ މީހުންގެ ސުމާރު ނަންބަރާއި ފުރިހަމަ ނަމާއި އައިޑީ ނަންބަރާއި ދާއިމީ އެޑްރެސް އިއުލާނު ކުރަން ޖެހެއެވެ. ވޯޓްލާ ކޮންމެ މީހެއްގެ ކަނާއަތު ޝަހާދަ އިނގިލީގައި ފާހަގަ ޖެހުމާއި ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ކަރުދާހުގެ ފޮޓޯ ނެގުން މަނާވެސް ކޮށްފައިވެއެވެ.
ކޮންމެ ކެންޑިޑޭޓަކަށް ދެ މަންދޫބު ފާސް ދޫކުރާނެ އެވެ. ނަމަވެސް ވޯޓްލާ މަރުކަޒުގައި ފަހަރަކު ހުރެވޭނީ އެކަކަށެވެ. ވޯޓްލާ މަރުކަޒުގައި ފޮށީގެ އޮފިޝަލުންނާއި ކެންޑިޑޭޓުންގެ މަންދޫބުން މީޑިއާ މީހުންނަށް ފޯނު ބޭނުން ކުރެވޭނެ އެވެ.
ވޯޓްލަމުންދާއިރު ގަޑިއަކު އެއް ފަހަރު އެވަގުތާއި ހަމައަށް ވޯޓްލީ މީހުންގެ އަދަދު އިއުލާނު ކުރަންވެސް ޖެހެއެވެ. އަދި ވޯޓްލާ ނިމުމުން ވޯޓްފޮށި ބަންދުކުރާތާ 15 މިނެޓްތެރޭ ގުނަން ފަށާނެ އެވެ.
ވޯޓްލާ ދުވަހު ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ހިންގުން މަނާކޮށްފައިވެއެވެ. އަދި ވޯޓްލާން އަންނަ އެއްވެސް މީހަކު ވޯޓްލާ ނިމުމަށް ފަހު މަރުކަޒުގައި މަޑުކުރުމާއި ކެންޑިޑޭޓަކު ވޯޓްލުމަށް ފިޔަވައި މަރުކަޒަށް ވަނުން ވަނީ މަނާކޮށްފައެވެ. އަދި ވޯޓް ކަރުދާސްކޮޅު އެހެން މީހަކަށް ދެއްކުމާއި ވޯޓްކަރުދާސްކޮޅެއް މަރުކަޒުން ބޭރަށް ގެންދިއުން ވަނީ މަނާކޮށްފައެވެ.
ބާތިލް ވޯޓް ކަނޑައަޅާނެ ގޮތް
- އިންތިހާބާ ބެހޭ ކޮމެޓީން ތައްޔާރުކުރާ ވޯޓް ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓް
- އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓް
- އިންތިހާބު ކުރަން ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ފާހަގަ ޖަހާފައިވާ ވޯޓް
- ރަނގަޅު ފާހަގަ ފިޔަވާ އެހެން ފާހަގަ ޖަހާފައިވާ ވޯޓް
- ގަވާއުދާ ހިލާފަށް ދީފައިވާކަން އެނގޭ ވޯޓް
- އަދި މި ނޫންވެސް ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލް ވޯޓް ކަމަށް ކަނޑައަޅާފައިވާ ވޯޓް
އުސޫލުގައިވާ ގޮތުން ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓް ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓް ގުނާ ތާންގައި ހާޒިރުވެ ހުރި ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓްގެ މަންދޫބަށް ލިބިގެން ވެއެވެ.
އަދި ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެނަމަ އެ ވޯޓް އެއީ ބާތިލް ވޯޓެއްކަން ނުވަތަ ބާތިލް ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓްލާ އެ މަރުކަޒަށް އިންތިހާބާ ބެހޭ ކޮމެޓީން އައްޔަން ކޮށްފައިވާ އިސް މީހާ ކަމަށް ވަނީ ބުނެފައެވެ.