ފޮރިން މިނިސްޓްރީ

ލަންކާގައި ތިބި ދިވެހީން ސަމާލުވާން އަންގައިފި

ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓިފައިވާ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފި އެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ. ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުން ގެންދަނީ ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންގެ ގެކޮޅުތަކުގައި ހުޅު ޖަހަމުންނެވެ. އަލިފާން ނިއްވޭނެ ގޮތެއް ނެތި ގެތައް ދަނީ އަނދަމުންނެވެ. ބައެއް މެންބަރުންގެ ގެކޮޅުތަކުގެ އިތުރުން މެންބަރުންގެ އޮފީސްކޮޅުތަކުގައިވެސް ދަނީ ހުޅުޖަހަމުންނެވެ.

ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަވަހާރަވެފައެވެ.

ފޮރިން މިނިސްޓްރީން ދެންމެ ބުނީ މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާތީ ސްރީލަންކާގައި ދިރިއުޅޭ އަދި ސްރީލަންކާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށެވެ.

އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.

ލަންކާއަކީ ދިވެހީންގެ 16،000 މީހުންގެ އާބާދީއެއް އޮތް ގަައުމެކެވެ. ވަރަށް ގިނަ ދިވެހީން އެކި ބޭނުންތަކުގައި އެ ގައުމަށް ދަތުރުކޮށް އުޅެއެވެ.