ބޮލީވުޑް

ސޮނާކްޝީ ދައްކާލީ އެންގޭޖްމަންޓް އަނގޮޓި ތަ؟

ބޮލީވުޑަށް ކައިވެނީގެ މޫސުން ބަހާރު މިހާރު އޮތީ އައިސްފަ އެވެ. ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް އަށް ފަހު އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި ވެސް ފެނިއްޖެ އެވެ. އަދި ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ސޮނާކްޝީ ސިންހާ ވެސް ކައިވެނި ކުރާކަމުގެ ބޮޑު އެނައުންސްމަންޓެއް ދޭން އުޅޭކަމުގެ މަލަމަތި މިހާރު ދަނީ ފެންނަމުންނެވެ.

ސޮނާކްޝީގެ އެންގޭޖްމަންޓުގެ ވާހަކައިގެ އަޑު ހޯމަ ދުވަހު އެހާ ބޮޑަށް ގަދަވެގެން ދިޔައީ އޭނާ ޝެއާ ކުރި ފޮޓޯތަކެއްގައި މާބޮޑު ޑައިމަންޑެއް ޖަހާފައިވާ އަނގޮޓިއެއް އަޅާފައި ވަނިކޮށް ފެނިގެނެވެ.

ސޮނާކްޝީ އޭނާގެ ޑައިމަންޑް ރިންގް ދައްކައިގެން ނަގާފައިވާ ހުރިހާ ފޮޓޮއެއްގައި ވެސް އެއީ ކާކުކަން ނޭނގޭ ފިރިހެނަކު ހުއްޓެވެ. ފުރަތަމަ ފޮޓޯގައި އޭނާގެ ކޮނޑުގައި އެ އަތް އަޅުވާލައިގެން އަނގޮޓި ދައްކައިގެން ހުރިއިރު ދެ ވަނަ ފޮޓޯގައި ހުރީ އެ މީހާގެ ދެއަތުގައި ހިފައިގެން އަނގޮޓި ދައްކައިގެންނެވެ. ތިން ވަނަ ފޮޓޯގައި ފެންނަނީ އެމީހާގެ އަތުކުރި އާއި އަތްތިލަ އެވެ. އަދި ސޮނާކްޝީ ހުންނަނީ އަތުން އަނގަމަތި ފޮރުވައިގެން އަނގޮޓި ދައްކައިގެން ވަރަށް ހެވިފަ އެވެ.

މި ފޮޓޯތައް ޝެއާކުރަމުން ސޮނާކްޝީ ލިޔެފައިވާ މެސެޖުގައި "ބޮޑު ދުވަސް" އަންނާތީ ވަރަށް އުފާވެފައި ހުރި ކަމަށް ލިޔެފައި ވެއެވެ. އަދި މި ވާހަކަ އެންމެންނާ ހިއްސާ ކުރާހިތުން ކެތްމަދުވެފައިވާ ކަމަށް ވެސް ލިޔެފައި ވެއެވެ.

އެއީ ވަރަށް ފޮޓޯގައި އޭނާ ހުރީ އެއީ ކާކުކަން ނޭނގޭ ކޮންމެވެސް ފިރިހެނެއްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އަދި އޭނާގެ ހިނިތުންވުމުގެ ބައެއް އެއް އަތުން ފޮރުވާފައި ވެއެވެ.

ސޮނާކްޝީ މި ފޮޓޯތައް ޝެއާ ކުރުމުން އޭނާގެ ފޭނުންތައް އުފަލުން އުތުރި އަރަން ފެށި އެވެ. އަދި ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ ސޮނާކްޝީ އަށް މަރުހަބާ ކިޔާފަ އެވެ.

ޑައިރެކްޓަރު ޕުނީތު މަލްހޯތުރާ އާއި ސެލެބްރިޓީ ސްޓައިލިސްޓް މޯހިތު ރާއީ، އަދި ބަތަލާ ކުބްރާ ސެއިތު އާއި އަނަންޔާ ބިރްލާ ފަދަ ސެލެބްރިޓީން ސޮނާކްޝީ އަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައި ވެއެވެ.

ސޮނާކްޝީގެ ލޯބިވެރިޔަކީ "ނޯޓުބުކް" ގެ ބަތަލު ޒަހީރް އިގްބާލް ކަމަށް ބައެއް ފިލްމީ މަޖައްލާތަކުން ޚަބަރު ފަތުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް ސޮނާކްޝީ އާއި ޒަހީރް މި ޚަބަރު ތެދު ކޮށްފައެއް ނުވެ އެވެ.