ޕީޕީއެމް

ލަންކާގައި އުޅޭ ދިވެހިންނަށް އެހީވާން ގޮވާލައިފި

May 10, 2022

ސްރީލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އަވަސް ފިޔަވަޅުތަކެއް އަޅަން އިދިކޮޅު ޕީޕީއެމް އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިކަަމަށް ގޮވާލީ ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ސްރީލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރީތި އުސޫލުގެ ބޭނުން ހިފާ، ގައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ގައުމުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެގެން ދިއުމަކީ އިދިކޮޅު ކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުއްމީދު ކަމަށެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ހިދުމަތްތައް ފަސޭހަ ކަމާއިއެކު ފޯރު ކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް މި ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައިވެ އެވެ.

މީގެއިތުރުން ލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތު ބަލައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ސަރުކާރަށް އިލްތިމާސްކޮށްފައިވެ އެެވެ.

ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ. ލަންކާގައި ދިހިންގެ 16،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

"އަދި ބަދަލުވަމުންދާ ހާލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެ ގައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އިލްތިމާސްކުރަމެވެ." ބަޔާނުގައި އެދިފައިވެ އެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދިވެހި ސަރުކާރުން ބުނެފައިވަނީ އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ސްރީލަންކާގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އެ ގައުމުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. ނަމަވެސް ހަމަނުޖެހުންތަކަށް އެއްވެސް މަޑުޖެހުމެއް ނުލިބި ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. އެގޮތުން އިއްޔެގެ ހަމަނުޖެހުންތަކުގައި މަޖިލިސް މެންބަރަކާއި ބައެއް އާންމުން މަރުވެފައިވެ އެވެ. އަދި އެ ގައުމުގެ ސަރުކާރަށް ތާއީދުކުރައްވާ ސިޔާސީ ބައެއް ބޭފުޅުންނާ ގުޅުންހުރި އިމާރާތްތަކާއި މުދާތަކުގައި ހުޅުޖަހައި އަންދާލުމުގެ ހާދިސާތަކެއް ވެސް ދަނީ ހިނގަމުންނެވެ.