ގއ. މާމެންދޫ

މާމެންދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެއްޖެ

May 10, 2022

ގއ. މާމެންދޫގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 1:30 ހާއިރު އެވެ. އަލިފާނުގައި އަނދާ ހުލިވީ މާމެންދޫ ލޯންގްލައިފް ގެއެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލަރު މިސްބާހު މުޖުތަބާ ވިދާޅުވީ އަލިފާން ރޯވިއިރު ގޭގެ ވެރިން ތިބީ ބޭސް ފަރުވާ އަށް މާލޭގައި ކަމަށާއި ރަށުގައި ތިބީ އެމީހުންގެ ކުދިން ކަމަށެވެ.

"އެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ހިތުގެ ބައިޕާސް ސާޖަރީއަކަށް މާލެ ގޮސް ތިއްބާ މިކަމެއް މިހިނގީ. ފިރިހެން މީހާ މަސައްކަތް ކުރަނީ ކޫއްޑޫ ދޯންޏެއްގައި. އަންހެން މީހާ އަކީ މިރަށު ސިއްހީ މަރުކަޒުގެ ފޫޅުމައެއް. އެނގިފައިވާ ގޮތުގައި ނޯޕޭލީވްއެއްގައި ތިބީވެސް،" މިސްބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލިފާން ރޯވި ވަގުތު އެ ގޭގައި ދިރިއުޅުނީ ޖުމްލަ ހަތަރު މީހުންނެވެ. އެއީ މާލޭގައި ތިބި ދެމަފިރިންގެ ދެ ދަރިން ކަމުގައިވާ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކާއި، އަންހެން ކުއްޖާގެ ފިރިމީހާއާއި އެ މީހުންގެ ދަރިފުޅެވެ.

މިހާދިސާގައި އިމާރާތް ވަރަށް ބޮޑަށް އަނދާ ބޮޑެތި ގެއްލުންތަކެއް އިމާރާތަށާއި ހިފާ ގެންގުޅޭ ސާމާނަށް ލިބިފައިވާ ކަމަށާއި ގޭގައި ބޭނުންކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށްވެސް މިސްބާހް ވިދާޅުވި އެވެ.

"ހަގީގަތުގައި އެ މީހުން އެތިބީ ވަރަށް ހާލުގައި. ކައުންސިލާއި ރައްޔިތުން ގުޅިގެން އެހީތެރިކަން މިދަނީ ފޯރުކޮށްދެމުން. އަލިފާން ރޯވާން ދިމާވީ ކަރަންޓް ޝޯޓަކުން ކަމަށް ބޮޑަށް ބެލެވެނީ،" މިސްބާހް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލިފާން ނިއްވާލީ ރަށުގައި ތިބި ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މާމެންދޫގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ގެންދަނީ އެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.