މޯލްޑިވްސް ޕޮލިސް ސާވިސް

އެއްވެސް ފުލުހަކު ސިޔާސީ ފަރާތަކާ ހާއްސަ ގުޅުމެއް އޮވެގެން ނުވާނެ: ކޮމިޝަނާ

Dec 31, 2015
1

ފުލުހުންގެ ހިދުމަތުގައި ހުރި އެއްވެސް މީހަކު ސިޔާސީ ކަންކަމުގެ ތެރޭގައި ޖާމިނު ވެގެން ނުވާނެ ކަމަށާއި ސިޔާސީ ފަރާތްތަކާއެކު ހާއްސަ ގުޅުންތަކެއް އެއްވެސް ފުލުހަކު އޮވެގެން ނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުލުހުންނާ ބައްދަލު ކުރައްވާ ކޮމިޝާނާ އަހުމަދު އަރީފު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފާއެކު ސިޔާސީ ނުފޫޒުން އެއްކިބާވެގެން ޚިދުމަތްދޭން ގާނޫނުތަކުން މަތިކޮށްފައިވާ މުއައްސަސާއެއް ކަމަށާއި ކޮންމެ ފުލުހަކުވެސް އަދި ކޮންމެ މުވައްޒަފަކުވެސް އަމިއްލަ އިސްނެގުމާއެކު އޯގާތެރި ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންމަތީ ތިބެންޖެހޭނެ ކަމަށެވެ.

ސީޕީ އަރީފު ވިދާޅުވީ ކޮންމެ ފުލުހަކުވެސް އަދި ކޮންމެ މުވައްޒަފަކުވެސް ކުރާ މަސައްކަތުގައި ޕްރިފެޝަނަލިޒަން ދަމަހައްޓަން ޖެހޭނެ ކަމަށާއި ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ އެހެން މީހުންގެ ހައްގުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް ހަމަހަމައަށް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އަދި ފުލުހުންދޭ ކޮންމެ ހިދުމަތަކީ އޯގާތެރިކަމާއެކު ހިނިތުންވެތިބެދޭ ހިދުމަތަކަށް ހެދުމަކީ ކޮންމެ ފުލުހެއްގެވެސް އެންމެ އިސް ވާޖިބު ކަމަށެވެ.

އަރީފު ވިދާޅުވީ ފުލުހުންގެ ތެރޭގައި އެކި ކަންކަމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ހަމަޖެހިފައިވަނިކޮށް އޭގެ ބޭރުން ސިޔާސީ ފަރާތްތައް މެދުވެރިކޮށް ކޮމިޝަނާ އޮފް ޕޮލިސް އަށް ހުށަހަޅައިގެން ކަންކަން ކުރަން މަސައްކަތް ކުރި ނަމަވެސް އެފުރުސަތު އެއްވެސް ފުލުހަކަށްވެސް އެއްވެސް މުވައްޒަފަކަށްވެސް އަދި އެހެން ފަރާތަކަށްވެސް ނުދެއްވާނެކަމަށެވެ. އެގޮތަށް ކަން ކޮށްގެން ކާމިޔާބުވާނެ ކަމަށް ބަލައިގެންވެސް ނުވާނެ ކަމަށެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ މުއައްސަަސާގެ ހިންގުން ހަރުދަނާކޮށް ގަވައިދުތަކާ އުސޫލުތައް މުރާޖައާކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށް ގެންދާ ކަމަށާއި ފުލުހުންގެ ތެރޭގައި އުފައްދާފައިހުރި އެކިއެކި ބޯޑުތަކުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.