ރާއްޖޭގައި ފަންނީ ދާއިރާތަކަށް ބޭނުންވާ މީހުން ހޯދުމަށް އަދިވެސް ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަންގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ ފަންނީ ދާއިރާތަކަށް މީހުން ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބައެއް ކަހަލަ ކަންކަން ޑައިވަސިފައިކޮށްގެން އުދަގޫތަކުން އަރައިގަނެވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ބޭރު ގައުމުތަކަށް ކިޔަވަންދާ ކުދިންނާ މެދު އުއްމީދުތަކެއް ކުރައްވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ކުދިން ކިޔަވައިގެން އެނބުރި ރާއްޖެ އައިސް ގައުމަށް އެކި ދާއިރާތަކުން ހިދުމަތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ޔުނިވަސިޓީ ތަކުން ދޭ ސެޓްފިކެޓަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން ބަލައިގަންނަ ސެޓްފިކެޓްތަކަކަށް ވާތީ އޮސްޓްރޭލިއާ އަސް ކިޔަވަންދާ ކުދިން ކިޔެވުމުގެ ކަންކަން ފުރިހަމައަށް ގެންގޮސްދިނުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. އަދި އޮސްޓްރޭލިއާ އަކީ ވަރަށް ގިނަ ސަގާފަތްތަކެއްގެ މައްޗަށް ކަންކަން ހިނގަމުންދާ ގައުމަކަށް ވާތީ އެކަމުގެ ބޭނުންވެސް ފުރިހަމައަށް ހިފުމަށް އިލްތިމާސް ކުރެއްވި އެވެ.
"ޓެކްނިކަލް ދާއިރާތަކަށް މީހުން ހޯދުމަށް އިންތިހާއަށް މިހުރި ދަތިތަކުން އަރައިގަންނަން ބޭނުން،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ތައުލީމު ހޯދާ ދަރިވަރުންގެ އަދަދު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ ތައުލީމީ ހުނަރުވެރި މީހުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެ އެކަމުގެ ފައިދާ ފެންނަން ފަށާނެ ކަމަށެވެ.
އޮސްޓްރޭލިއާ އަކީ ރާއްޖެއަށް އެކި ރޮނގުތަކުން ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާ އިން ރަނގަޅު ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދޭ ގައުމެކެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ވެސް ރޭގައި 20 ބޭފުޅަކަށް ދީފައިވެ އެވެ.