މޯލްޑިވްސް ޕޮލިސް ސާވިސް

ބަރަހަނާކޮށް އޮއްވާ ހައްޔަރުކުރި މީހާ ދޫކޮށްލައިފި

May 10, 2022

މިސްކިތަށް ކުޑަކަމުން ގޮސް، ހަތިމަށް ކުޅުޖަހައިގެން މީގެކުރިން ހައްޔަރުކުރި ހ. ޝޭޑީހޯމް ހަސަން ޒިޔާދު، އާންމު ތަނެއްގައި ބަރަހަނާ ހާލުގައި އޮއްވާ ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ހަސަން އެންމެ ފަހުން ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މާލޭގެ މަސްވެރިންގެ ޕާކް ސަރަހައްދުގައި ބަރަހަނާ ހާލުގައި މޫދުގައި އޮއްވަ އެވެ.

މިމައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އޭނާގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ ހަސަން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ އެންމެ ފަހުން ހައްޔަރުކުރި މައްސަލަ އާއި ގުޅިގެން އަދިވެސް ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތާއި ރައީސް އޮފީހުގެ ދޮރުމައްޗާއި އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިއުމާ ގުޅިގެންނާއި ހަތިމަށް ކުޅުޖަހައިގެން ވެސް ފުލުހުން މީގެކުރިން ހަސަން ހައްޔަރުކޮށްފައިވެ އެވެ. އަދި ކުޑަކަމުދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާ މީގެކުރިން ތަންފީޒުކޮށްފައިވެ އެވެ.

ފުލުހުން މީގެކުރިން ބުނީ ހަސަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށާއި އަދި ހަސަންގެ އާއިލާ އިން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ހެދި ޓެސްޓްތަކުން ހަސަނަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ނޫން ކަން ވަނީ އެނގިފަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް އޭނާ އަށް ފަރުވާ ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެެވެ.