ބޭންކް އޮފް މޯލްޑިވްސް

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީގެ ފުރުސަތު މިމަހުގެ 15 އަށް

May 11, 2022

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ދޫކުރާ ހިލޭ އެހީ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް އެ ބޭންކުން ތައާރަފްކުރި ސްމޯލް ގްރާންޓްސްއަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެ ކަމަށެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދޭން ވަނީ ހަމަޖެހިފަ އެވެ. ޑިސެމްބަރު 31، 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބޭނެ އެވެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދީ، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.