ފަޒްނާ އަހުމަދު

މެޑަމް ފަޒްނާގެ އެއް ދުވަހުގެ މަސައްކަތް ދައްކާލައިފި

May 10, 2022

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައެއް ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރައްވައި، އެކަމަނާގެ އެއް ދުވަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލައްވައިފި އެވެ.

މިއީ މިއަހަރުގެ ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އިސްނެގުމަކަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކަމަނާގެ އެއް ދުވަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައިރިން ދައްކާލުމުގެ އިތުރުން އެކަމަނާ ވަނީ ކުދިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފަ އެވެ.

‎މި ހަރަކާތުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުވުމެވެ.

އެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަދި ކުޑަކުދިންނަށް އެކުދިންނާ ގުޅުންހުރި ކަންކަމުގައި ރައުޔު ހާމަކުރުމުގެ ހައްގު ހޯދައިދިނުމަށާއި، އެކުދިންގެ ކަންބޮޑުވުންތަކުގައި ފަސްނުޖެހި ބަސްބުނުމަށް ބާރުއެޅުމަކީ މިހަރަކާތުގެ ބޭނުމެކެވެ.

ކުދިން ޝާމިލްވާ ކަންކަމުގައި އެ ކުދިން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިއްޔެގެ ވަގުތެއްގައި މި ހަރަކާތުގައި ބައިވެރިވާ ހަ ކުދިންނާ ބައްދަލުކުރައްވައި އެ ކުދިން ބަލަން ބޭނުންވާ ކަންކަން ދުރާލާ އޮޅުން ފިލުއްވާފަ އެވެ. އަދި އެކުދިންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ، އެކުދިން ބައްދަލުކުރުމުގެ ފުރުސަތު ވެސް މެޑަމް ފަޒްނާ ވަނީ މިއަދު ވަނީ އެ ކުދިންނަށް ފަހިކޮށްދެއްވާފަ އެވެ.

‎ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލުތަކާއި ޕްރީ ސްކޫލުތަކުގައި މިއަދު ގެންދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.