އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ކެމްޕޭންގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށްފި އެވެ.
ފައްޔާޒް މިއަދު ވިދާޅުވީ ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ނިމުނީ ކޮޅުމަޑުލުން ކަމަށެވެ.
"މުޅި ރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެންބަރުންގެ އަޒުމާ ހިތްވަރަށް ސާބަހާ ޝުކުރު ދަންނަވަން،" ފައްޔާޒް ވިދާޅުވި އެވެ.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އިންތިވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ.
އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.
![](https://images-01.avas.mv/post/big_3pT6zggw6VJqeSsE3hWJyAZo3.jpeg)
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.
ފައްޔާޒް ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި ދޮގާއި އޮޅުވާލުން ކުރިއަށް ނެރޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެން ނޫން ކަމަށް ވިދާޅުވިއެެވެ. ރީތި ތާހިރު ކެމްޕެއިނެއް ނުހިންގެނީ ކީއްވެގެންތޯވެސް ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިންތިހާބެއްގައި މޮޅުވާން ކުރަން ޖެހޭނެ މަސައްކަތަކީ އެ ބޭފުޅެއްގެ ތަސައްވުރު ރައްޔިތުންނަށް ހިއްސާ ކުރުން ކަމަށެވެ. އަދި އެ ބޭފުޅެއްގެ ގާބިލް ކަމާއި މަސައްކަތުގެެ ނަތީޖާއަށް އަދި ތަސައްވުރަށް ބެލުމަށް ފަހު އެމްޑީޕީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ޗެއާޕާސަން އިންތިހާބުގެ ކަންކަން މިހާރު ފެންނަނީ ވަރަށް ދެރަކޮށް ކަަމަށް ވިދާޅުވިއެވެ. އަދި ގަދައަޅާ މަސައްކަތް ކުރައްވަނީ ނަފްރަތާއި ދުރުވެ ކެމްޕެއިން ހިންގެވުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަނީ ވަރަށް ބޮޑަށް ގަދައަޅާ މަސައްކަތް ކުރަމުން އެ މަގުން [ނަފްރަތު އުފެއްދުން] އަޅުގަނޑުމެން ނުދާނަން،" ފައްޔާޒް ވިދާޅުވިއެވެ.