ލައިފްސްޓައިލް

އިންޑިގޯ ފްލައިޓެއްގެ ޕައިލެޓުންނަށް މަންމައާއި ދަރިފުޅު!

މަންމައިންގެ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން އިންޑިގޯ އެއާލައިންސްގެ ޕައިލެޓެއް އެ ދުވަސް އޭނާގެ މަންމައަށް ވަރަށް ހާއްސަ ދުވަހަކަށް ހަދައިފި އެވެ. މި ޕައިލެޓް ވަނީ ވަރަށް ޖަޒުބާތީ ވާހަކަކޮޅެއް އޭނާގެ މަންމައާ މުޚާތަބުކޮށް ބޯޓު ތެރޭގައި ދައްކާފަ އެވެ.

އެންމެ ޝައުގުވެރިވާ ކަމަކީ އެ ދުވަހު ފްލައިޓް އުދުއްސުމުގެ ޒިންމާ އާއި ހަވާލުވެ ތިބި ދެ ޕައިލެޓުންނަކީ މި ދެ މައިންނަށް ވީމަ އެވެ. މިއީ ޕައިލެޓާއި ކޯ-ޕައިލެޓެއްގެ ގޮތުގައި މަންމަ އާއި ދަރިއަކު ތިބެގެން އުދުއްސި ފުރަތަމަ ފްލައިޓް ކަމަށް ވެއެވެ.

މި މަންޒަރުތަކުގެ ވީޑިއޯތައް މިހާރު ވަނީ އިންޓަނެޓުގައި ވަރަށް ގިނަ ބަޔަކު ބަލާފަ އެވެ. ވީޑިއޯގައި ފެންނަނީ އަމަން ތާކޫރު ކިޔާ 24 އަހަރުގެ ޒުވާން ޕައިލެޓް މާބޮނޑިއެއް ހިފައިގެން މަތިންދާބޯޓަށް އަރާ ތަނެވެ. އަދި ދިޔަ ގޮތަށް ގޮސް ކޯ-ޕައިލެޓަށް މާ ބޮނޑި ހަދިޔާ ކުރާ ތަނެވެ. އެ ކޯ-ޕައިލެޓަކީ އޭނާގެ އަސްލު މަންމަ އެވެ.

އެއަށްފަހު ބޯޓުގެ ފަސިންޖަރުންނާ ވާހަކަ ދައްކަމުން ޕައިލެޓް ވަނީ ފާއިތުވީ 24 އަހަރު އޭނާގެ މަންމަގެ ޕައިލެޓްކަމުގެ ދަށުގައި އުދުއްސި މަތިންދާބޯޓުތަކުގައި ކުރި ދަތުރުތަކުގެ ވާހަކަތައް ކިޔައިދީފަ އެވެ. ނަމަވެސް މިއަދު މަންމަ ކޯ-ޕައިލެޓަކަށް ބައިންދައިގެން އޭނާ މަތިންދާބޯޓު ދުއްވުމުގެ ޝަރަފު ލިބޭތީ ވަރަށް އުފާވެއްޖެ ކަމަށް އަމަން ބުނެފައި ވެއެވެ.

"ފާއިތުވީ 24 އަހަރު އަހަރެން ވަނީ ފަސިންޖަރެއްގެ ގޮތުގައި މަންމަ އާއެކު ވަރަށް ގިނަ ދަތުރުތައް ކޮށްފައި. މިއަދު މަންމައާއެކު ކޯ-ޕައިލެޓްކަން ކުރަން ލިބުނު ކަމީ އަހަންނަށް ލިބުނު ބަޔާންކުރަން ދަތި އުފަލެއް،" އަމަން ބުނެފައި ވެއެވެ.