ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ވެކްސިން ބޭނުންކުރި ގޮތުގެ އޮޑިޓެއް ހަދަނީ

May 11, 2022

ރާއްޖެއަށް ކޮވިޑް 19ގެ ވެކްސިން ގެނެސް ބޭނުންކުރި ގޮތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފަށައިފި އެވެ.

އޮޑިޓްގައި ބެލުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް ގަނެގެން ގެނައި ވެކްސިންގެ އަދަދާއި އެކި ގައުމުތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ހަދިޔާކުރި ވެކްސިންގެ އަދަދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކަށް ވެކްސިން ފޮނުވި އަދަދެވެ.

މީގެއިތުރުން ވެކްސިން ނުޖަހާ ތިބި މީހުން އެކަން ކުރަން ބޭނުން ނުވާ ސަބަބުތަކާއި ވެކްސިން ޖެހި މީހުންނަށް ވެކްސިންގެ ސަބަބުން ކުރަންޖެހުނު ތަޖުރިބާތަކާ ގުޅޭގޮތުން ވެސް މައުލޫމާތު އެއްކުރުމަށް ހަމަޖެހިިިފައިވެ އެވެ.

ޖޫން މަހު ނިންމުމަށް މަސައްކަތް ކުރަމުންދާ މި އޮޑިޓްގައި ވެކްސިން ދިނުމުގައި އުމުރުފުރާތަކަށް އިސްކަންދި ގޮތާއި ސަރުކާރުގެ އިސްވެރިން ޖަހާފައިވާ ވެކްސިންގެ ރޭޓުތައް ހޯދާ އާންމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ މިފަދަ އޮޑިޓަކާ ގުޅިގެން ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދެވުނު މިންވަރާއި އެކަމަށް އިތުރު ބާރަކާއި ސަމާލުކަމެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 398،597 މީހުންނެވެ. ދެވަނަ ޑޯޒް 383،980 މީހުން ޖަހާފައިވާއިރު 159،008 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.