އަތޮޅުތެރޭގެ ހަތަރު ރަށެއްގެ ސްކޫލުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ކުންފުނިތަކަކާ ހަވާލުކޮށްފި އެވެ.
މިމަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ގއ. މާމެންދޫ ސްކޫލާއި، ގދ. ހޯނޑެއްދޫ ސްކޫލާއި، މ. މުލަކު ސްކޫލްގެ އިތުރުން މ. ނާލާފުށި ސްކޫލްގަ އެވެ.
މާމެންދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ. ޖަޕާން އެއިޑްގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ 2.4 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 120 ދުވަހެވެ.
ހޯނޑެއްދޫ ސްކޫލްގައި ދެ ކްލާސްރޫމާއި ލެބަކާއި އައިސީޓީ އިމާރާތް އެޅުމަށާއި ނާލާފުށި ސްކޫލްގައި ދެ ބުރި އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ.
ހޯޑެއްދޫ ސްކޫލުގެ މަސައްކަތްތަކުގެ އަގަކީ 6.7 މިލިއަން ރުފިޔާ އެވެ. ނާލާފުށި ސްކޫލުގެ މަސައްކަތްތަކުގެ އަގަކީ 7.7 މިލިއަން ރުފިޔާ އެވެ. މި ދެ މަޝްރޫއު ވެސް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހެވެ.
މުލަކު ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އެ ސްކޫލުގައި ތިން ބުރި އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ 9.5 މިލިއަން ރުފިޔާއަށް އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަން ޝަރުތުކޮށްފަ އެވެ.