ސަރީކާ އަކީ 80 އިގެ އަހަރު ތަކުގައި ރިލީޒްކުރި ގިނަ ހިންދީ ފިލްމުތަކެއްގައި ބަތަލާގެ ރޯލު އަދާ ކޮށްފައިވާ ކުޅަދާނަ އެކްޓަރެކެވެ. އަދި އޭނާ ފިލްމު ކުޅުނު ޒަމާނުގައި އެންމެ ގިނަ ބަޔަކު އެންމެ ލޯބިވީ ބަތަލާ އަކީ ވެސް ސަރީކާ އެވެ.
ސަރީކާ ފިލްމު ކުޅުން ހުއްޓާލީ ކަމާލް ހަސަން އާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރުމަށް ފަހުގަ އެވެ. ކަމާލް ހަސަން އާއި ސަރީކާ އަށް ދެ އަންހެން ދަރިން ލިބުނު ފަހުން މިހާރު އެމީހުން ވަނީ ވަކިވެފަ އެވެ.
ސަރީކާ ބުނި ގޮތުގައި ދަރިން ބޮޑުވި ފަހުން އޭނާ އަލުން ފިލްމު ކުޅެން ފެށި ނަމަވެސް މާ ގިނަ ފިލްމުތަކުން ނުފެންނަނީ ކުޅޭނެ އެކަށީގެންވާ ރަނގަޅު ރޯލު ނުލިބޭތީ އެވެ. ކޮންމެ ކޮންމެ ރޯލެއް ކުޅެން ބޭނުން ނުވާތީ އެވެ. ނަމަވެސް އަތުން ފައިސާ ހުސްވެ އަތްމަތި ދަތިވެގެން ހަދާނެ ގޮތް ހުސްވެގެން އަނެއްކާވެސް އެކްޓިން އަށް އެނބުރި އައީ ކަމަށް ސަރީކާ ބުންޏެވެ. ނަމަވެސް ފިލްމުތަކުގައި އެކްޓްކުރުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ ތިއޭޓަރުގައި ތަމްސީލު ކުޅުމުގެ މަސައްކަތެވެ. އެގޮތުގައި އޭނާ ފަސް ވަރަކަށް އަހަރު ތިއޭޓާގައި މަސައްކަތް ކޮށްފައި ވެއެވެ.
ނަމަވެސް އެ މަސައްކަތުން އޭނާއަށް ލިބެނީ މަހަކު 3000 ވަރަކަށް ރުޕީސް ކަމަށާއި އެވަރުން އޭނާއަށް ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެއްދޭ ކަމަށް ސަރީކާ ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
"ލޮކްޑައުންގައި އަހަރެން އަތުން މުޅިން ފައިސާ ހުސްވި. ދެން ކިހިނެއް ހަދާނީ؟ ކޮންތާކަށް ދާނީ؟ ފިލްމުތަކުގައި އެކްޓްކުރަން ފެށުން ނޫން ގޮތެއް ނޯންނާނެނު. ތަމްސީލު ކުޅެގެން މަހަކަށް 3000 ރުޕީސް ވެސް ނުލިބޭ،" ސަރީކާ ބުންޏެވެ.
ސަރީކާ މިހާރު ވަނީ އޯޓީޓީ ޕްލެޓްފޯމް ޕްރައިމް ވީޑިއޯގެ ސީރީޒް އެއް ކުޅެން ފަށާފަ އެވެ. "މޮޑާން ލަވް: މުމްބައި" ނަމަކަށް ކިޔާ މި ސީރީޒް އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.