ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އޮމާނަށް ވަޑައިގެން، ސުލްތާން ހައިޘަމް ބިން ތާރިގް އަލްސައީދުއާ ބައްދަލު ކުރައްވައިފި އެވެ. ދެ ބޭފުޅުން މަޝްވަރާގައި ވަރަށް ގިނަ މައުލޫތަކަށް އަލިއަޅުއްވާލެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.
ލަވްރޯފް ދެއްކެވި ވާހަކަތަކުގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރަން ޖެހުނު ސަބަބު ސާފުކޮށްދެއްވި އެވެ. އީރާންގެ ނިއުކްލިއާ އެއްބަސްވުން އޮތް ހިސާބަށް ވަޑައިގެން ނުފޫޒު ގަދަ ގައުމުތަކުން ގެންގުޅޭ އަމިއްލަ އެޖެންޑާއަށް ފާޑުވިދާޅުވި އެވެ.
އިޒްރޭލުން މެދުއިރުމަތީގައި، ފަލަސްތީންގެ ބިންތައް ހިސޯރުކޮށް ރައްޔިތުންނަށް އަނިޔާކުރުން އަރަބި ދުނިޔެއިން ބަލައި ނުގަންނަ ކަމަށް ސުލްތާން ދެންނެވި އެވެ.
ފަލަސްތީނާ ބެހޭ ގޮތުން ލަވްރޯފް ވިދާޅުވީ ރަޝިއާ އަތްމައްޗަށް ނަގައިގެން ތިބީ ދެދައުލަތަށް ދާއީދުކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެނޫން ގޮތެއް ރަޝިއާ ގަބޫލު ނުކުރާނެ ކަމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުން މަޖުބޫރު ކަމަށެވެ.
ސީރިއާ އަރަބި ލީގުގައި އަލުން ބައިވެރިކުރުމަކީ ރަޝިއާ އެދޭ ކަމެއް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސީރިއާއަށް ފުރުސަތު ހޯދައިދިނުމަށް އޮމާނަށް ބާރުއެޅިދާނެ ކަމަށެވެ. ސިރިއާއަށް އަރިބި ލީގު ގެއްލުނީ 2011 ގައި ސިރިއާގައި ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.
ރަޝިއާގެ ޓާސް ނިއުސް އޭޖެންސީ ބުނާ ގޮތުން ދެބޭފުޅުން ދެއްކެވި ވާހަކަތަކުގައި އެންމެ މުހިންމު ކަމަކަށް އޮތީ އޮމާނުން ދުނިޔޭގެ މާކެޓަށް ނެރޭ ތެލުގެ އަދަދާ ބެހޭ ގޮތުންނެވެ.
އޮމާން އާއި ރަޝިއާ އަކީ ވެސް އޯޕެކް އާއިލާއަށް ނިސްބަތްވާ ދެގައުމު ކަމަށް ވެފައި އޯޕެކްގެ އަޚްލާގީ މިންގަނޑު ހިފެހެއްޓުމަށް ބާރުއެޅުމަށް ދެގައުމުން އެއްބަސްވި އެވެ.
އޮމާނުން ބުނި ގޮތުގައި އޯޕެކް ސަމިޓުން އެއްބަސްވެފައިވާ އަދަދަށް ވުރެ އިތުރަށް އެގައުމުން ތެލެއް ނުއުފައްދާނެ އެވެ. އަދި ވަކި ބަޔަކަށް މަންފާވާ ގޮތަށް އޯޕެކްގެ ގަވާއިދު ބަދަލުކުރަން ވެސް އެއްބަަހެއް ނުވެވޭނެ އެވެ.
ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ރަޝިއާގެ ތެޔޮ ގައުން އެމެރިކާ އާއި ޔޫރަޕުން ހުއްޓާލަން އުޅޭއިރު، ގަލްފް ގައުމުތަކުން ތެޔޮ ގަތުމަކީ އެމެރިކާ އަދި ޔޫރަޕަށް ވެސް އޮތް ފުރުސަތެކެވެ.
އެހެން ނަމަވެސް، ރަޝިއާއިން ލިބޭހާ ހެޔޮ އަގުގައި ގަލްފުން ތެޔޮ ލިބޭނެ ކަމަށްކަށް ނުބެލެވެ އެވެ. އަދި އޯޕެކްގެ ގަވާއިދުތަކަށް ގައުމުތަކުން ހުރުމަތްތެރިކޮށް ހިތާހާ ހިނދު އެމެރިކާއާ ޔޫރަޕުން ބޭނުންވާ ވަރަށް ތެޔޮ ލިބޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.