ބ. ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.
ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ރޭ މެންދަމު 1:00 ޖަހާއެހާއިރު ކަމަށެވެ. މޫސުން ގޯސް ވަގުތެއް ކަމުން ބޯޓުގައި ރޯވި އަލިފާންގަނޑުގެ ހުޅުފަޅައިގެން ގޮސް ކައިރީގައި އޮތް ލޯންޗުގައި ރޯވެ ލޯންޗާއި ބޯޓާ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވިދާޅުވި އެވެ.
ރަށުގައި އެވަގުތު ވެސް ގިނަ ބަޔަކު ހޭލާ ތިބި ކަމަށާއި އެހެން ނޫން ނަމަ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން މާބޮޑުވާނެ ކަމުގައިވެސް ޖާދުﷲ މައުލޫމާތު ދެއްވާފައިވެ އެވެ. އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްދުކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް ޖާދުﷲ ވިދާޅުވީ ފުލުހުންގެ ތަހުގީގަށްފަހު ނޫނީ އެކަމުގައި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
"ހާދިސާ ހިނގުމާ އެކު ހެން ގޮއިދޫގައި ތިއްބަވާ ފުލުހުން މިރަށަށް. އެބޭފުޅުންގެ އިތުރު ތަހުގީގު ޓީމެއް ވެސް އެބަ އާދޭ. ތަހުގީގު އެހެންވީމާ ކުރިއަށް އެދަނީ. ފުލުހުންގެ ތަހުގީގު ހިނގަމުން ދަނިކޮށް އަޅުގަނޑު ވަކި ބަޔަކަށް ތުހުމަތުކުރުން އެއީ ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން،" ޖާދުﷲ ވިދާޅުވި އެވެ.
އަނދާ ހުލިވި ބޯޓަކީ ފެހެންދޫގައި ގެސްޓްހައުސް ހިންގާ ބައިކަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގައިގެން ބޭނުންކުރަމުން ދިޔަ ބޯޓެކެވެ. ބާރަ މީހުންގެ ޖާގައިގެ ލޯންޗަކީ ފެހެންދޫ މީހެއްގެ އުޅަނދެކެވެ.
ފެހެންދޫ އަކީ ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރަމުންދާ ރަށެކެވެ.