އެމްޓީސީސީ

ބަހުގެ ހިދުމަތް ރަނގަޅުކުރަން އިތުރު ބަސްތަކެއް ގެނެސްފި

May 12, 2022
1

ގްރޭޓާ މާލޭ ސަރަހައްދުގައި އެމްޓީސީސީން ދެމުން ގެންދާ ބަހުގެ ހިދުމަތް ފުޅާކުރުމަށްޓަކައި އިތުރު ބަސްތަކެއް މާލެ ގެނެސްފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލަށް މާލެ ގެނައި ބަސްތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން އެމީހުންގެ ދަތުރުފަތުރު ފަސޭހަކުރުމަށް ގެނައި ބަސްތަކެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އަލަށް ގެނައި ބަސްތައް އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހިދުމަތަށް ނެރެވޭނެ ކަމަށެވެ. މިބަސްތަކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ލަފާފުޅާ އެއްގޮތަށް ބަހުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ގެނައި ބަސްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން މިހާރު މާލެއަށް ދަތުރުކުރަނީ ވެސް އަދި މާލެ އިން ދެވަނަ ފިޔަވައްސަށް އެނބުރި ދަނީ ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ދަތުރުކޮށް އެތަނުގައި އޮންނަ ބަހަކަށް އަރައިގެންނެވެ.

އެމްޓީސީސީ ރޭގެ ވަގުތެއްގައި މާލެ ގެނައި ބަސްތައް ހިދުމަތުގައި ބޭނުންކުރަން ފެށުމުން ދެވަނަ ފިޔަވަހިން ސީދާ މާލެ އަށް ދަތުރުކުރެވޭނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ބަހުގެ ހިދުމަތް ލިބޭ ގޮތާ މެދު ކުރިން ޝަކުވާތައް ބޮޑު ނަމަވެސް އެ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރަމުންދާ ކަން އާންމުން ފާހަގަކުރެ އެވެ.