ވިޔަފާރި

އެމްޓީސީސީ ހިޔާ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކަން ދެ އަހަރު ދެނީ

Aug 15, 2018
4

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ) "ހިޔާ މަޝްރޫއު" ގެ ޑައުން ޕޭމަންޓް ދެ އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އެމްޓީސީސީ ހިޔާ ފްލެޓް މަޝްރޫއު" ގެ ފައިނޭންޝަލް ޕްލޭން އިފުތިތާހު ކުރަން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވީ އެ ކުންފުނީގެ އެއް ކޮޓަރީގެ ޔުނިޓެއް 700،000-800،000ރ. އަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1.2 މިލިއަން ރުފިޔާ އާއި 1.3 މިލިއަން ރުފިޔާ އަށް ލިބޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ހަދާ ހިޔާ ފްލެޓުތަކުގައި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ޔުނިޓެއް 1.4 މިލިއަން ރުފިޔާ އާއި 1.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ނިންމާފައިވަނީ 14 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 400 ފްލެޓް ތަރައްގީކުރަން އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. އެ ދެޓަވަރުގައި އެއްކޮޓަރީގެ 160 ޔުނިޓާއި ދެ ކޮޓަރީގެ 80 ޔުނިޓާއި ދެ ކޮޓަރިޔާއި މެއިޑްރޫމް ހިމެނޭ 160 ޔުނިޓެވެ. އަދި މި މަޝްރޫއަށް އެއްކޮށް ނިންމާލުމަށް 439 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

އެމްޓީސީސީ އިން ބުނީ ހިޔާ މަޝްރޫއުގެ ސަބަބުން 2000 އަށްވުރެން ގިނަ މީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ތަރައްގީކުރާ 400 ފްލެޓްގެ ތެރެއިން މުއައްޒަފުންނަށް 330 ފްލެޓް ހާއްސަ ކުރާއިރު، ބާކީ 70 ފްލެޓް ދޫކުރާނީ އާންމުންނަށް ކަމަށްވެސް އެ ކުންފުނިން ހާމަކުރެ އެވެ. އަދި މުއައްޒަފުންނަށް ހައްސަކުރާ 330 ފްލެޓްގެ ތެރެއިން ކުންފުނީގައި މަސައްކަތްކުރާ ހާއްސަ އެހީއަަށް ބޭނުންވާ މުވައްޒަފުންނަށް 10 ފްލެޓް ރިޒާވްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ހަމައެހެންމެ މި ފްލެޓް ތަކަކީ ކުންފުނީގެ މުވައްޒަފުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަރަށް
ހެޔޮއަގެއްގައި ވިއްކާ ފެލެޓް ތަކެއް ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.