މޯލްޑިވްސް ޕޮލިސް ސާވިސް

ވައިކަރަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވާ ހިދުމަތް ފަށައިފި

May 12, 2022

ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ވައިކަރަދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު އެތަނުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރު އިމްރާން އެވެ. ފުލުހުންގެ ދިދަ ނަންގައިދެއްވީ ސީޕީ ހަމީދު އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނާއި ވައިކަރަދޫ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިކަރަދޫގައި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.

ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިން ވަނީ އެތަން ބައްލަވާލައްވާ އެތަނުގެ މަސައްކަތްތަައް ރޭވިފައިވާ ގޮތް އޮޅުންފިލުއްވާފަ އެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ފުލުހުންގެ އިސްވެރިންނާއި ވައިކަރަދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.