މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ ހުށަހެޅުއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.
ނަރީޝް ހުށަހެޅުއްވި ގޮތަށް ފިނޭންސަށް ހުށަހެޅުމަށް ފާސްވީ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މުސާރަ ބޮޑު ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަންޖެހޭ ކަމަށެވެ.
"މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާއި ގުޅުންހުރި އެކިއެކި މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަ ބައެއް. އެހެންވީމާ އެ މުވައްޒަފުންގެ މުސާރަ ބޮޑު ނުވާންޖެހޭ ސަބަބެއް ނެތް،" ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތިންބައިކުޅަ ދެ ބަޔަށް ހިދުމަތް ދެނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތާ އެއްވަރުގެ ނުވަތަ އެކަށީގެންވާ ވަރުގެ އުޖޫރައެއް ދޭންޖެހޭ ކަމަށެވެ.
ނަރީޝް ވަނީ ސަރުކާރުން މާލެ ސިޓީ ކައުންސިލާ މެދު ކަންތައްތައް ކުރަމުންދާ ގޮތާ މެދުވެސް ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ސަރުކާރުން ހުއްދަ ދީފައި ނުވާ މައްސަލަ ފާހަގަކުރެއްވި އެވެ.
"ހަގީގަތުގައި ސިޓީ ކައުންސިލްގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަން ބޭނުންވާ އެންމެ ފުރިހަމައަށް ނުކުރެވޭ ސަބަބަކީ ވެސް މުވައްޒަފުންގެ ދަތިކަން،" ނަރީޝް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުންނަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުންނަށް ވާތީ ކައުންސިލްގެ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ބައެއް ކައުންސިލަރުން ގެންދަވަނީ ތަކުރާރުކޮށް ފާހަގަވެސް ކުރައްވަމުންނެވެ.