ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖޫނިއާ ކޮލެޖްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

May 12, 2022
2

ހއ. ދިއްދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު އެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް ހިންގުމަށް ހަ ފަރާތަކުން ވަނީ ބިޑް ހުށައަޅާފައެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރުމަކީ ރައީސް އިބްރާހިމް މުހަންމަދް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ކޮލެޖު އެޅުމުގެ މަސައްކަތް ކުރިން ފެށުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓުގައިވެސް އެ މަސައްކަތް ހިމަނާފައި އޮތެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ކުރިމަތިވި އިގްތިސޯދާ ދަތިތަކުގެ ސަބަބުން އެއަހަރު އެ މަސައްކަތް ފެށޭގޮތް ނުވެ ލަސްވީ އެވެ. އެ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ތިން ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ވާހަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ 2023 ވަނަ އަހަރު ދިއްދޫގެ ޖޫނިއާ ކޮލެޖުގައި ކިޔަވައި ދިނުމަކީ ސަރުކާރުން ކުރާ އުއްމީދެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފަށަން ނިންމާފައި ވަނީ ކަރިިކިއުލަމް ވެސް ރަނގަޅަށް ޑިވޮލޮޕްކޮށް ތަނުގެ ކޮންސެޕްޓްވެސް ޑިޒައިންކޮށް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

ދިއްދޫގައި 30،000 އަކަފޫޓްގެ ބޮޑު ބިމެއްގައި ޖޫނިއާ ކޮލެޖު އިމާރާތް ކުރުމަށް ނިންމާފައިވަނީ ކިޔަވައިދިނުމަށް ބޭނުންކުރާނެ ކްލާސްރޫމްތަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނަ ގޮތަށް ދެ ބުރިއަށެވެ. ކޮލެޖުގެ ކިޔެވުން ފަށައިގަންނައިރު ހާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކޯސްތައް ހިންގުމަށްވެސް ނިންމާފައިވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.