ރާއްޖެ ކުޅިވަރު

ސެމީގައި އިންޑިޔާ އަތުން ބަލިވެ ރާއްޖެ ކަޓައިފި

  • މެޗްގެ 65 ޕަސެންޓް ކުޅުނީ އިންޑިއާއިން
  • ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ އަމްދާން އާއި ނާޝިދު
  • އިންޑިއާގެ ގޯލްތައް ޖެހީ ޖޭޖޭ އާއި ޗެތްރީ

ވިދިވިދިގެން ތިން ވަނަ އަހަރަކު ސެމީ ފައިނަލުގައި އިންޑިޔާ އަތުން މިއަދު 3-1 އިން ބަލިވެ، ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި އެވެ.

މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުގައި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ދެއްކި ހަލުވި ކުޅުން އެއްގޮތަކަށް ވެސް ނުދެއްކުނެވެ. އޭގެ ބަދަލުގައި ފުރަތަމަ މިނިޓުން ފެށިގެން މުޅި މެޗު ކޮންޓްރޯލް ކުރީ އިންޑިޔާ އެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލުގައި އިންޑިޔާ ބައްދަލުކުރާނީ މިއަދު އިރުއޮއްސި 6:30ގައި ދިފާއީ ޗެމްޕިއަން އަފްގާނިސްތާނާއި ސްރީލަންކާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.

މިއަދުގެ މެޗުގައި އިންޑިޔާއިން އެންމެ ފުރަތަމަ ޖެހި ލަނޑު ވިއެޓްނާމުގެ ރެފްރީ ގަބޫލެއް ނުކުރި އެވެ. އެއީ އޮފްސައިޑް ކަމަށް އެސިސްޓެންޓް ރެފްރީ ދިދަ ނެގުމުންނެވެ. ކީޕަރު އިމްރާން މުހައްމަދަށް މެޗުގެ ކުރީކޮޅު ގޯހެއް ހެދުނު ނަމަވެސް ފަހުން އޭނާ ރަނގަޅު ގިނަ ސޭވްތަކެއް ކުރި މެޗުގައި އިންޑިޔާގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން ސުނިލް ޗެތްރީ އެވެ.

މެޗުގެ 25 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑާއެކު ރާއްޖެ މުޅިން ހާވިއާވި އެވެ. އިންޑިޔާ ލީޑު ފުޅާކުރީ 34 ވަނަ މިނިޓްގައި ޖޭޖޭ ލަލްޕެކޫލާ ޖެހި ލަނޑުންނެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އަހުމަދު ނާޝިދު (ނާއްޓޭ) ރާއްޖެ އަށް ލަނޑު ޖަހައިދީ ޓީމުގެ އުއްމީދު އާކުރުވި އެވެ.

ނަމަވެސް ދަނޑަށް ވަދެތިބި އެތައް ހާސް ދިވެހިންނާއި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ފަހު މުބާރާތުގައި ފައިނަލް ކުޅެން ރާއްޖެ ކުރި އުއްމީދުތައް ފެނަށްވެގެންދިޔައީ 66 ވަނަ މިނިޓްގައި ޖޭޖޭ އަނެއްކާ ވެސް ލަނޑު ޖެހުމުންނެވެ. އޭގެ ފަހުން 75 ވަނަ މިނިޓްގައި ރާއްޖޭގެ ޑިފެންޑަރު އަމްދާން އަލީ ގައުމީ ޓީމަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައި އަނެއްކާ ވެސް ހިތްވަރު އާކުރެވޭތޯ ބެލި އެވެ.

މިއީ ސެމީ ފައިނަލުގައި އިންޑިޔާ އަތުން ރާއްޖެ ޖެހިޖެހިގެން ބަލިވި ތިން ވަނަ ފަހަރެވެ. 2011 ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އޮތް މުބާރާތުން ރާއްޖެ ބަލިވީ 3-1އިންނެވެ. އަދި ނޭޕާލްގައި 2013 ވަނަ އަހަރު އޮތް މުބާރާތުން ރާއްޖެ ބަލިވީ 2-0އިންނެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ރާއްޖެ ކެޓީ އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.

މި މުބާރާތަށް ފަހު ރާއްޖެ އަންނަ ހަފުތާގައި ބަނގްލަދޭޝް ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގައި ވެސް ވާޑަކުރާނެ އެވެ.

އިންޑިޔާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 1997 އާއި 1999 އަދި 2005 އާއި 2009 އަދި 2011ގައި ތަށި ހޯދީ އިންޑިޔާ އެވެ. އަފްގާނިސްތާނާއި ރާއްޖެ އަދި ބަނގްލަދޭޝް ތަށި ހޯދާފައިވަނީ ކޮންމެ ބަޔަކު އެއް ފަހަރު އެވެ.