ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވާހަރަވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވެއްޖެ ކަމަށް ޔޫއޭއީގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަވަހަރާވީ ވަރަށް ގިނަ ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ.

މީގެ 8 އަހަރު ކުރީން 2014 ވަނަ އަހަރު ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަަށް ސްޓްރޯކެއް ޖެހިވަޑައިގަތެވެ. އަދި އާލާސްކަންފުޅު ބޮޑުވެ ވެރިކަމުގެ މުހިންމު ބައެއް ބާރުތައް ވަލީ އަހުދު މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ވަނީ ހަވާލު ކުރައްވާފައެވެ.

ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ކުރިއަށް އޮތް 40 ދުވަހަަށް އެ ގައުމުގައި ވަނީ ގައުމީ ހިތާމަ އިއުލާނުކޮށްފައެވެ. އަދި ކުރިއަށް އޮތީ ރަސްމީ ބަންދު ތިން ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ. ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވަހާރަވުމުގެ ހިތާމަ ފާޅުކޮށް ގައުމުތަކުގެ ވެރީން ގެންދަވަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.