އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބްލީކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ވީޑިއޯގައި ފެންނަ އަނިޔާ ލިބޭ ކުއްޖާ އަކީ ގުރޭޑް ހަތެއްގައި ކިޔަވާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް އަނިޔާ ކުރަނީ ގުރޭޑް ހައެއްގައި ކިޔަވާ ފިރިހެން ކުއްޖެކެވެ.
ކުއްޖާ އަށް އަނިޔާ ކުރީ އަންހެން ކުއްޖެއްގެ މައްސަލަގައި ކަމަށް މައުލޫމާތު ލިބެ އެެވެ.
ކުއްޖާއަށް އަނިޔާކުރަނީ ރަށުގެ ވަލުތެރެއަށް ވެއްދުމަށްފަހު އެތައް ބައެއްގެ ހާޒިރުގައި ކަމަށް ވީޑިއޯ އިން އެނގެ އެވެ.
ދަނޑިބުރިއަކުން ކުއްޖާގެ ގައިގައި ދެ ފަހަރަކު ޖަހަމުންދާ މަންޒަރު ފެނުނު ނަމަވެސް ރުއިން ފިޔަވާ އަނިޔާ ލިބޭ ކުއްޖާ ދިފާއުގައި އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ.
ކުއްޖާ އަށް އަނިޔާކުރުމަށްފަހު އެ ކުއްޖާ ފޮނުވާލަން އުޅުމުން ކައިރީގައި ހުރި އެހެން ކުއްޖަކު އިތުރަށް އަނިޔާކުރަން ބުނާ އަޑުވެސް އިވެ އެވެ. ނަމަވެސް ދެން ބަހައްޓާށޭ ބުނުމަށްފަހު އަނިޔާކުރުމުގެ ބަދަލުގައި ކުއްޖާއަށް ބުލީކުރުމުގެ ގޮތުން ތަފާތު އެއްޗެތި ކިޔާ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ބަލަމުންދާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ރަސްމީކޮށް މިމައްސަލައިގައި އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
މިވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކުރި މީހާ ވަނީ ވީޑިއޯގައި ކުއްޖާ އަށް އަނިޔާކުރަމުންދާ ކުއްޖަކީ ނުފޫޒުގަދަ އާއިލާ އަކަށް ނިސްބަތްވާ ކުއްޖަކަށް ވާތީ މި މައްސަލަ ބެލޭނެ ކަމާ ދޭތެރޭ ޝައްކު އުފައްދާފަ އެވެ.