ފައްޔާޒް އިސްމާއީލް

ފައްޔާޒްގެ ފަހުގެ މެސެޖް: އާބާރަކާއެކު އެމްޑީޕީ ހިންގާލަން ވޯޓު ލާން ވަޑައިގަންނަވާ

އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ވޯޓު ލާން ވަޑައިގެންނެވުމަށް އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ފައްޔާޒް އެކަމަށް އެދިވަޑައިގެންނެވީ މުޅި ރާއްޖޭގައި ހިންގެވި ވަރުގަދަ ކެމްޕެއިން ނިންމާލެއްވުމުގެ ގޮތުން ވިދާޅުވި ފަހު ބަސްފުޅެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް މާދަމާ މުޅި ރާއްޖޭގައި ވޯޓް ނަގާނެ އެވެ. ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރައްވާނެ ބޭފުޅެއް ޔަގީން ކުރުމަށް މުޅި ރައްޔިތުން ތިބީ ބޮޑު އިންތިޒާރެއްގައެވެ.

ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން ފައްޔާޒް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ.

"އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން،" ފައްޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އިންތިވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ.

އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި ދޮގާއި އޮޅުވާލުން ކުރިއަށް ނެރޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެން ނޫން ކަމަށް ވިދާޅުވިއެެވެ. ރީތި ތާހިރު ކެމްޕެއިނެއް ނުހިންގެނީ ކީއްވެގެންތޯވެސް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބެއްގައި މޮޅުވާން ކުރަން ޖެހޭނެ މަސައްކަތަކީ އެ ބޭފުޅެއްގެ ތަސައްވުރު ރައްޔިތުންނަށް ހިއްސާ ކުރުން ކަމަށެވެ. އަދި އެ ބޭފުޅެއްގެ ގާބިލް ކަމާއި މަސައްކަތުގެެ ނަތީޖާއަށް އަދި ތަސައްވުރަށް ބެލުމަށް ފަހު އެމްޑީޕީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.