ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން މަޖީދީ ރަން ޝަރަފުވެރިކޮށްދެއްވައިފި

May 13, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، "މަޖީދީ ރަން" އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މުލީއާގެ ކުރިމަތީގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސް ސޯލިހްގެ އަތްޕުޅަށް 'މަޖީދީ ރަން'ގެ ޓޯޗް އަރުވާފަ އެވެ. އަދި ރައީސް ސޯލިހް ވަނީ އެ ޓޯޗު، މަޖީދިއްޔާ ސްކޫލުގެ ސްޓިއަރިން ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލާ ހަވާލުކޮަށްދެއްވާފަ އެވެ.

‎މިރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަނީ މަޖީދީ ރަންގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީ ދައުވަތު ދެއްވާ މަޖީދީ ރަންއާ ގޫޅޭ ހާއްސަ ޓީޝާޓެއް ވެދުންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް މަޖީދިއްޔާ ސްކޫލުގެ އިސް ދަރިވަރުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖީދީ ރަންގައި ބައިވެރިވުމުގެ ހާއްސަ ދައުވަތު ރާއްޖޭގެ ކުރީގެ ރައީސުންނަށް ވެސް ވަނީ ފޮނުވާފަ އެވެ.

‎މި ދުވުމުގެ ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މަޖީދީ ރަން މިރެއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް މެދުނުކެނޑި ކުރިއަށްދާނީ މާލޭގެ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގަ އެވެ.