ބޮލީވުޑް

އާލިއާ ބަޓް އާ ވަރަށް ވައްތަރު ކުއްޖެއް އާސާމުގައި

އިންޓަނެޓުން މިހާރު ނުފެންނަ އެއްވެސް އެއްޗެއް ނޯވެ އެވެ. މަޝްހޫރު މީހުންނާ ވައްތަރު މީހަކު ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅުނަސް އިންޓަނެޓުން އެމީހަކު ހޯދާ އެ ވާހަކަ ގެނެސްދޭނެ އެވެ. އެގޮތުން މިފަހަރު ފެނިފައި ވަނީ ބޮލީވުޑް ކުޅަދާނަ ބަތަލާ އާލިއާ ބަޓް އާއި މުޅިން އެއް ވައްތަރު ޒުވާން އަންހެނެކެވެ.

މި ޒުވާނާ އިންސްޓަގްރާމްގައި ފޮޓޯ އާއި ލިޔުންތައް ޝެއާ ކުރަނީ ކެލެސްޓީ ބައިރާގީގެ ނަމުގަ އެވެ. ދާދިފަހުން ކެލެސްޓީ ވަނީ "ދިލް ތޯ ޕާގަލް ހޭ" ގެ ލަވަޔަށް ލިޕް ސިންކް ކޮށްފައިވާ ވީޑިއޯ އެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. މި ވީޑިއޯގައި ކެލެސްޓީ ހުންނަނީ އާލިއާގެ އެންމެ ފަހު ފިލްމު "ގަންގޫބާއި ކަތިއާވަޅީ" ގައި އޭނާގެ ކެރެކްޓާ ހުންނަ ސިފަޔަށެވެ.

މި ވީޑިއޯ ބަލާފައި އާލިއާގެ ފޭނުން ވެސް ބުނެފައިވަނީ މި ޒުވާނާ އާއި އާލިއާ އާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. މިއި ހަމަ ދެ ވަނަ އާލިއާ ބަޓް ކަމަށެވެ.

ސޯޝަލް މީޑީއާގައިވާ ކެލެސްޓީ ބައިރާގީގެ މައުލޫމާތު ބުނާ ގޮތުގައި އޭނާ އަކީ މާކެޓިން ޕްލެޓްފޯމެއް ކަމަށްވާ މެޑިފައި އޮފިޝަލްގެ މީހުންނަށް ތަފާތު މައުލޫމާތުތައް ހިއްސާކުރާ މީހެކެވެ. އަދި އޭނާގެ އިރުޝާދުތައް އަޑުއަހައި އޭނާ ފޮލޯ ކުރާ މީހުން މިހާޜު ވަރަށް ގިނަ އެވެ. އަދި ކެލެސްޓި ވަނީ އާސާމްގެ މިއުޒިކް ވީޑިއޯތަކާއި ފިލްމުތައް ވެސް ކުޅެފަ އެވެ.