ދުނިޔެ

ފިންލޭންޑުން މިއަދު ކަރަންޓް ކަނޑާލާނެ

ރަޝިއާއިން ފިންލޭންޑަށް ފޯރު ކޮށްދެމުން ގެންދާ ކަރަންޓް މިއަދު ކަނޑާލާނެ އެވެ. ފިންލޭންޑުން ކަރަންޓް ކަނޑާލަނީ ނޭޓޯގައި ބައިވެރިވުމަށް އެ ގައުމުން ހުށަހެޅުމުންނެވެ.

ފިންލޭންޑުން ނޭޓޯގައި ބައިވާނެ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކުރި ހިސާބުން ރަޝިއާ ވަނީ ނޭޓޯގައި ބައިވެރި ނުވުމަށް ފިންލޭންޑަށް އިންޒާރު ދީފަ އެވެ. އަދި ނޭޓޯ ޖަމާއަތުގައި ބައިވެރިވެއްޖެ ނަމަ ރަޝިއާގެ ކަރަންޓާއި ގޭސް ކަނޑާލާނެ ކަމަށް އޮތީ ބުނެފަ އެވެ.

ފިންލޭންޑަށް ކަރަންޓް ދިނުމުގައި މެދުވެރިއެއްގެ ބައި އަދާކުރާ ރާއޯ ނޯޑިކުން ބުނާ ގޮތުން ކަރަންޓް ކަނޑާލުން ނޫން ގޮތެއް މި ވަގުތަކަށް ނެތެވެ. އަދި ބުނީ މޭމަހު މިހާތަނަށް ފޯރުކޮށްދިން ކަރަންޓަށް ފައިސާ ލިބިފައި ނުވާ ކަމަށެވެ.

ރަޝިއާ އާއި ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކާ އެކު އޮތް ގުޅުމަށް ބުރޫ އަރާފައި ވަނީ ޔުކްރޭން ހަނގުރާމައާ ގުޅިގެންނެވެ. ޔުކްރޭނަށް ޖެހިފައި އޮތް ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބުނެ ބައެއް ގައުމުތަކުން ވަނީ ނޭޓޯގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް ރަޝީއާ ބުނާ ގޮތުން ފިންލޭންޑާއި ސްވިޑަންއިން ނޭޓޯގައި ބައިވެރި ވުމަކީ ރަޝިއާގެ ރައްކާތެރިކަމަށް އޮތް ބޮޑު ބިރެކެވެ.

ރައޯ ނޯޑިކުން ބުނީ ކަރަންޓް ސަޕްލައި ކުރުމަށް ކުރިމަތިވެފައި އޮތް ދަތިކަން ދިގުލައިގެން ނުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެހެން ނަމަވެސް ވަގުތީ ދަތިކަމެއް ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ކަމަށެވެ.

ފިންލޭންޑްގެ އޮފިޝަލުން ބުނާ ގޮތުން ރަޝިއާގެ ކަރަންޓް ކަނޑާލުމަކުން ލިބޭނެ މާބޮޑު ގެއްލުމެއް ނެތެވެ. އެހެން ގައުމުތަކުގެ އެހީގައި، ސްވިޑަންއިން ކަރަންޓް ލިބޭނެ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ނޭޓޯގައި ބައިވެރިވެއްޖެ ނަމަ ފިންލޭންޑުން ގޭސް ކަނޑާލާނެ ކަމަށް ރަޝިއާއިން ބުނި ބުނުމަށް އަދި އަމަލީ ސިފައެއް ނުގެނެ އެވެ. އެހެން ނަމަވެސް ދެގައުމުގެ ގުޅުން މަޝްވާކޮށްގެން ހައްލުނުވާ ހިސާބަށް ހިނގައްޖެ ނަމަ ފިންލޭންޑަށް ދަތިތަކެއް ކުރިމަތިވާނެ އެވެ. އަދި ރަޝިއާގެ މާލީ ހާލަތަށް ފުސްބުރާނެ އެވެ.