ދުނިޔެ

ސްވިޑަން އާއި ފިންލޭންޑް އަންނަ އަހަރު ނޭޓޯގައި ބައިވެރިވާނެ: ސެކްރެޓަރީ ޖެނެރަލް

ސްވިޑަން އާއި ފިންލޭންޑް ނޭޓޯގައި ބައިވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކޮޅެއްގައި ޖެހޭވަރު ވާނީ އަންނަ އަހަރު ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ސްވިޑަން އާއި ފިންލޭންޑަށް ނޭޓޯ މެމްބަރުކަން ކަށަވަރު ކުރެވޭ ދުވަސް އޮތީ މާދުރުގައި ނޫން ކަމަށެވެ.

ނޭޓޯގެ މެމްބަރުކަން މި ދެ ގައުމަށް ކަށަވަރުކުރުމުގައި މިހާރު އޮތް ހުރަހަކީ ތުރުކީ އެވެ. ތުރުކީ ބުނާ ގޮތުން ސްވިޑަން އާއި ފިންލޭންޑަކީ ޓެރަރިސްޓުންނަށް މަދަދުވެރިވާ ދެ ގައުމެވެ.

ތުރުކީއާށް ބޭނުންޖެހިފައި ތިބި ޓެރަރިސްޓުން ފިންލޭންޑްގައި އަދި ސްވިޑަންގައިވެސް އެބަތިބި ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވެސް ވަނީ ވިދާޅުވެފަ އެވެ. ތުރުކީ އެދޭ ގޮތަށް އަމަލުކުރުމުގައި ދެ ގައުމު ވެސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި ތުރުކީއާ އެކު ކުރެވެމުންދާ މަޝްވަރާތަކަށް 2023ގައި އަލިމަގެއް ފެންނާނެ އެވެ. ސްވިޑަން އާއި ފިންލޭންޑް އަދި ތުރުކީ ހިމެނޭ ގޮތުން ސުލްހަވެރި އެއްބަސްވުމަކަށް އާދެވޭނެ އެވެ.

ނޭޓޯ ގަބޫލުކުރާ ގޮތުގައި ރަޝިއާ ފަދަ ބާރުގަދަ ގައުމުތަކުގެ ކިބައިން -- އެފަދަ ބާރުވެރިކަމެއް ނެތް ގައުމުތައް ހިމާޔަތް ކުރުމަށް އޮތް ވަސީލަތަކީ ނޭޓޯ އެވެ. ނޭޓޯ އަކީ މެމްބަރު ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރާ ޖަމާއަތެއް ކަމަށްވެސް އެ މީހުން ބުނެ އެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބަސްވުމަކީ އެ ޖަމާއަތުގެ މެމްބަރު ގައުމަކަށް ނުރަކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި މެމްބަރު ހުރިހާ ގައުމަކުން ހިމާޔަތް ދިނުމެވެ. އަދި ހަނގުރާމަކޮށްގެން ހައްލު ހޯދަން ޖެހޭ ހާލަތުގައި ހަނގުރާމަ ކުރުމަކީ ވެސް މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބަސްވުމެކެވެ.

ޔުކްރޭން ހަނގުރާމަ ފެށުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޔުކްރޭން ނޭޓޯގައި ބައިވެރިވާ މަސައްކަތްކުރުން ހިމެނެ އެވެ.