ބޮލީވުޑް

މުމްތާޒް ކައިވެނިކުރީމަ ރާޖޭޝް ކަންނާ ވަރަށް ރުއި

ރާޖޭޝް ކަންނާ އާއި މުމްތާޒް އަކީ 70 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ މަޝްހޫރުވި އެއް ޖޯޑެވެ. ދެ ތަރިން އެކުގައި ކުޅުނު އެއްވެސް ފިލްމެއް ފްލޮޕް ވެފައި ނުވުމަކީ މި ޖޯޑުގެ މަޝްހޫރުކަން ޔަގީންވާ ކަމެކެވެ. މި ޖޯޑުގެ އެންމެ ޚާއްސަ ސިފަ އަކީ ކެމިސްޓްރީ އެވެ. ދެ އެކްޓަރުން ސްކްރީނުން ފެންނައިރު ހީވަނި ލޯބިން ގޮސް ދީވާނާ ވެފައިވާ ދެ ލޯބިވެރިން ހެންނެވެ. އެއްގޮތަކަށް ވެސް އެމީހުން އެކުރަނީ އެކްޓްކަމެއް ބެލުންތެރިންނަކަށް ނޭނގެ އެވެ. އެމީހުންގެ ފަރި އަދާތަކާއި ލޯބިގެ މަންޒަރުތައް އެހާވެސް ފުރިހަމަ އެވެ.

މުމްތާޒް ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި އޭނާ އާއި ރާޖޭޝް ކަންނާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އަދި އޭނާ ކައިވެނި ކުރުމުން ވީ ދެރައިން ރާޖޭޝް ކަންނާ ވަރަށް ރުއިކަމަށް އޭރު ނޫސްތަކުން ފެތުރި ޚަބަރުތަކާ ގުޅޭ ގޮތުން ވެސް މުމްތާޒު ވާހަކަ ދެއްކި އެވެ.

މުމްތާޒު ބުނީ ވަރަށް ގިނަ މީހުން އެހެން ކީ ނަމަވެސް ރާޖޭޝް ކަންނާ ރުއި ތަން އޭނާ ނުދެކޭ ކަމަށެވެ.

"އެހެން ނޫނަސް ކާކާ (ރާޖޭޝް ކަންނާ) އަކީ އެގޮތަށް މީހުން ކުރިމަތީގައި ރޯނެ މީހެއް ނޫން. އެއަށް ވުރެ އޭނާއަށް އޭނާ ފެނިފަ ހުންނަނީ. އަހަރެން ކުރިމަތީގައި ރޯން ކީއްކުރަން ދެރަވެއޭ ވެސް ނުބުނޭ،" މުމްތާޒު ބުންޏެވެ.

ނަމަވެސް ރާޖޭޝް ކަންނާގެ ގާތް ވަރަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މުމްތާޒު ކައިވެނިކޮށް ފިރިމީހާ އާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަން ނިންމުމުން އެންމެ ދެރަވީ ރާޖޭޝް ކަންނާ އެވެ. އަދި އޭނާ އެކަމާ ވަރަށް ރުޔެވެ. "އެ ގެއްލުނީ ތިމަންނަގެ ކަނާއަތޭ ވެސް" ބުނި ކަމަށް ވެއެވެ.

ރާޖޭޝް ކަންނާ އާއި މުމްތާޒުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދޯ ރާސްތޭ"، "ބަންދަން"، "ސައްޗާ ޖޫޓާ"، "ދުޝްމަން"، "އާޕް ކީ ގަސަމް" ފަދަ ފިލްމުތައް ހިމެނެ އެވެ.

މުމްތާޒުގެ އެންމެ ޒުވާން ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވަނީ ޝަމްމީ ކަޕޫރާ އެވެ. ޝަމްމީ ބޭނުންވީ މުމްތާޒް އާ ކައިވެނި ކުރާށެވެ. ނަމަވެސް މުމްތާޒު ކައިވެނިކުރަން ބޭނުން ނުވުމުން އެމީހުންގެ ލޯބީގެ ގުޅުމަށް ނިމުމެއް އައީ އެވެ.

ޝަމްމީ އާއި އޭނާގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ވެސް މި އިންޓަވިއުގައި މުމްތާޒު ވާހަކަ ދައްކާފައި ވެއެވެ. އޭނާ ބުނި ގޮތުގައި ޝަމްމީ އާއި އޭނާ ރައްޓެހިވީ އިރު އޭނާއަށް އެންމެ 17 އަހަރެވެ. ޝަމްމީ އޭނާއަށް ވުރެ 18 އަހަރު ދޮއްޓެވެ.

އެހާ ޅަ އުމުރުގައި ކައިވެނިކުރަން އޭނާ ބޭނުން ނުވީ ކަމަށާއި އޭރު އޭނާގެ ވިސްނުންހުރީ ފިލްމީ ރޮނގުން ކެރިއަރަށް ބިނާ ކުރަން ކަމަށް މުމްތާޒް ބުންޏެވެ.

"އަހަރެންގެ އިހްސާސްތަކަށް ޝަމްމީ އިހުތިރާމްކުރި. އަހަރެންގެ ހިތުގައި ލައްގަނޑެއް ޖެހޭ ކަހަލަ އެއްވެސް ކަމެއް އޭނާ ނުކުރޭ. ދެ މީހުން ވަކިވީ ވަރަށް ސުލްހަވެރިކަމާއެކު. އޭނާ އަކީ ވަރަށް ރަނގަޅު އެހާމެ އޯގާތެރި މީހެއް. ނަމަވެސް ތަގްދީރުގައި ނެތްކަމެއް ނުވާނެ އެއްނު،" މުމްތާޒު ބުންޏެވެ.

އޭރުގެ މަޝްހުރު ގިނަ ތަރިން ތަކެއް މުމްތާޒް އާ ހެދި ވަރަށް އުޅުނެވެ. ނަމަވެސް އެންމެންގެ ހިތް ހަލާކުކޮށްފައި މުމްތާޒު ކައިވެނިކުރީ އެމެރިކާގައި ދިރިއުޅޭ ވިޔަފާރިވެރިޔަކާ އެވެ.