އެމްޑީޕީ

އެމްޑީޕީގެ އިންތިހާބު: ވޯޓް ކަރުދާސް ދައްކާ މައްސަލައެއް ފެންމަތި ކޮށްފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ފެންމަތި ކޮށްފި އެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ފޮއްޓަށް ލުމުގެ ކުރީން ކަރުދާސް ކޮޅު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރާނެ އެވެ. އެ ޕާޓީން ދެންމެ ބުނީ ހެނދުނު 9:00 ގައި ވޯޓް ނަގަން ފަށާފައިވާ ކަމަށެވެ.

މިއަދުގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރީ ޗެއާޕާސަން ކަމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.