އެމްޑީޕީ

އެމްޑީޕީގެ އިންތިހާބުގެ ވޯޓްލުން ހައެއް ޖަހަންދެން

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލާން ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފި އެވެ.

ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. އިންތިހާބާ ބެހޭ ކޮމެޓީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމަށް ދެވިފައިވާ ވަގުތު 6:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ވަގުތު އިތުރުކުރީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރާނެ އެވެ. މިއަދުގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރީ ޗެއާޕާސަން ކަމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.