އެމްޑީޕީ

އެމްޑީޕީގެ އިންތިހާބު: ދެ ކެންޑިޑޭޓުންގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް

މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓްގެ ކެމްޕެއިން ޓީމަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކޮށްފި އެވެ.

ވޯޓްލުން ފެށި މާގިނަ އިރުތަކެއް ނުވަނީ އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ވޯޓް ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް ފެންމަތިކޮށްފައެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ފޮއްޓަށް ލުމުގެ ކުރީން ކަރުދާސް ކޮޅު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

އެކަމަށް ރައްދީ ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ ފ. ނިލަންދޫގައި ވޯޓްލަމުން ދިޔައިރު އިމްތިޔާޒް ތަމްސީލު ކުރާ މަންދޫބު، ވޯޓްލާ މީހުންގެ ވޯޓްކަރުދާސް ދައްކަން އަންގާފައިވާ ކަމަށެވެ. އަދި ވޯޓް ކަރުދާސްކޮޅު ވީޑިއޯ ކުރަމުން ގެންދާތީ ހަމަނުޖެހުން އުފެދުނު ކަމަށެވެ.

"ރޭވިގެން ހިންގާ މިކަހަލަ ކަންކަމުން ދުރުވުމަށް އިލްތިމާސް ކުރަން،"

އޭގެ ފަހުންވެސް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ވަަރަށް ގިނަ މައްސަލަތައް ފެންމަތި ކޮށްފައެވެ. އެ ގޮތުން ޑަބަލް ވޯޓް ކަރުދާސް ދޫކުރަމުންދާ ކަމަށާ އެކަން ވަރަށް ފާޅުގައި ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. ކެންޕެއިން ތަރުޖަމާން ވަހީދު ވިދާޅުވީ ވޯޓްލާން އައި މީހުންގެ އަދަދަށް ވުރެ މާ ގިނައިން މިހާރުވެސް ފޮއްޓަށް ކަރުދާސް އަޅާފައިވާ ކަމަށެވެ.

"ރ. މަޑުއްވަރީ ދާއިރާ މާލެ ފޮށީގެ އޮފިޝަލް، ޑަބަލް ވޯޓް ކަރުދާސް ދޫކޮށްގެން ވަރަށް ފާޅުގައި ވޯޓް އަޅުއްވަމުން އެބަގެންދޭ. ވޯޓްލާން އައި މީހުންގެ އަދަދަށްވުރެ މާ ގިނަ ކަރުދާސް ވަނީ ފޮއްޓަށް އަޅާފައި،" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކު މެދު ދާއިރާ މާލެ ފޮއްޓަށްވެސް ޑަބަލް ވޯޓް ކަރުދާސް އަޅަމުންދާ މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓް ކަރުދާސް ފޮޓޯ ނެގުމަކީ މަނާ ކަމެއް ނަމަވެސް ވޯޓްލުމަށް ފަހު ކަރުދާސް ފޮޓޯ ނެގުމާއި ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދައްކާ ކަމުގެ ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދުގެ މި ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު ވަނީ ދޮގު ކުރައްވާފައެވެ.

އިބްްރާހިމް ވަހީދު ވިދާޅުވީ ފައްޔާޒްއަށް ވޯޓްލާ މީހަކު ދެ ވޯޓް ކަރުދާހުގަައި ފާހަގަ ޖެހުމަށް ފަހު މެންބަރު ވަހީދަށް ފޮޓޯ ނުފޮނުވާނެ ކަމަށެވެ.

"ތިޔަ އުޅުއްވަނީ މި އިންތިހާބުގެ ސައްހަކަން ނަގާލަން. ރޭވިގެން ތިޔަ ހިންގާ ޖަރީމާތައް ހުއްޓާލައްވާ. ތިޔައީ އެމްޑީޕީގެ ސިފައެއް ނޫން،" މުހައްމަދު ވަހީދަށް ރައްދު ދެއްވާ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލާން ކަނޑައަޅާފައިވާ ވަގުތު މިހާރު ވަނީ އިތުރުކޮށްފައެވެ. ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. އިންތިހާބާ ބެހޭ ކޮމެޓީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމަށް ދެވިފައިވާ ވަގުތު 6:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ވަގުތު އިތުރުކުރީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެން ކަމަށެވެ.