ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ރައީސްގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑާ އައްޝައިހް ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފި އެވެ.

ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސް އަކީ އެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްގީ އަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއް ކަމާއި އެމަނިކުފާނުގެ ހިދުމަތްތަކަކީ ޔޫއޭއީގެ ރައްޔިތުން ހަނދުމަ އާކުރާނެ ހިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ޝައިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާންގެ ޖަނާޒާގައި ބަައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މާދަމާ މެންދުރު ފަހު ރައީސް ސޯލިހް ޔޫއޭއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖަނާޒާގެ ކަންތަކަށް ފަހު ހޯމަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް ސޯލިހް ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ނިންމަވާފައެވެ.

ޔޫއޭއީގެ ރައީސް އިއްޔެ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 73 އަހަރުގަ އެވެ.

ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.