އިމްތިޔާޒު ފަހުމީ

ވަގުތު އިތުރުކުރުމުން އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ޓީމުން ސުވާލުކޮށްފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ސައްހަކަމާމެދު ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ސުވާލު އުފައްދައިފި އެވެ.

އިމްތިޔާޒްގެ ގާނޫނީ ޓީމުން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިއަދުގެ އިންތިހާބުގައި ހިނގާދިޔަ ވަރަށް ގިނަ ގޯސްތައް ވަނީ ފާހަގަކޮށްފައެވެ. ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓްލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެކަމަށް އެދުނީ ނަތީޖާއަށް އަސަރު ކުރާނެ ކަމުގެ ކިތާބީ ހެކި ލިބުމުން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދަން ނިންމި ވޯޓް ނެގުން އިތުުރު ދެ ގަޑިއިރަށް ދަންމާލީ އުސޫލުތަކާއި ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ. ނިޝާން ވިދާޅުވީ އިންތިހާބުގެ ވޯޓްލާ ވަގުތު އިތުރުކުރީ ހަތަރެއް ޖެހި ފަހުން ކަމަށާ އެއީ އާންމު އުސޫލުން ބަލާނަމަ ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އިމްތިޔާޒްގެ ކެމްޕެއިން ޓީމަށް އެ ނިންމުން ހިއްސާ ކޮށްފައިވަނީ ހަތަރެއް ޖެހި ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

އެއީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދިދާނެ ފަދަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ނިޝާން ވިދާޅުވީ ހަތަރެއް ޖެހުމާއެކު ވަގުތު އިތުރުކުރިއިރު ބައެއް ރަށްރަށުގައި ވޯޓްފޮށި ބަންދުކޮށް ގުނަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން ނަޑައްލާ އާއި ބިލެތްދޫގައި ވޯޓް ނެގުން ބަންދުކޮށް ވޯޓް ގުނާ ނަތީޖާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއީ އެއްވެސް ހަމައަކުން ދުނިޔޭގެ އެއްވެސް ތަނެއްގައި އަމަލު ކުރާނެ ގޮތެއް ނޫން. އެއް އިންތިހާބެއްގައި އެއް ބަޔަކު ވޯޓް ގުނާއިރު އަނެއް ބަޔަކު ވޯޓްލުން،" ނިޝާން ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރާނެތޯ ސުވާލު ކުރުމުން ވިދާޅުވީ އެކަމާމެދު ގޮތް ނިންމާނީ ފަހުން ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ ގިނަ ކަންތައްތަކެއް ހުރުމުން އެކަންކަން ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ. އަދި މައްސަލަތައް ހުށައެޅި ނަމަވެސް މިހާތަނަށް ޖަވާބު ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ. އިންތިހާބާ ގުޅޭ މައްސަލަތައް ކޯޓަށް ހުށައެޅުމާމެދުވެސް ގޮތް ނިންމާނީ ފަހުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިން މައްސަލަތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މައްސަލަތަކެއް ގާނޫނީ ޓީމަށް ލިބިފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ވޯޓް ކަރުދާސް ދޫކުރި މައްސަލަ އަކާއި އެކަކަށް އެއް ވޯޓް ކަރުދާހަށް ވުރެ ގިނަ ވޯޓް ކަރުދާސް ދޫކުރި މައްސަލައަކާއި އިމްތިޔާޒްގެ މަންދޫބުން ވޯޓްލާ މަރުކަޒުން ނެރެފައިވާ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

"އަދި ވަރަށް ހިތާމަވެރި ކަމެއް އެބައޮތް. އެއީ އެހެން ޕާޓީތަކުގެ މީހުން މީގެ ތެރެއަށް ވަދެ ވޯޓް ހުއްޓުވަން މަސައްކަތް ކުރުމާއި ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ޝަކުވާ ލިބިފައިވޭ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއްގެ މެންބަރަކު އެމްޑީޕީ މެންބަރެއް ކަމަށް ބުނެ ވޯޓްލާފައިވާ ކަމުގެ ޝަކުވާއެއްވެސް ހުށައެޅިފައި އެބައޮތް،" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ވަގުތު އިތުރުކުރި ފަހުން ވޯޓްލީ ބައެއް މީހުންނަށް ފައިސާ ދީ ވޯޓް އަނބުރާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.