އެމްޑީޕީ

ނަތީޖާ ލިބެން ފަށައިފި، ވާދަވެރިކަން ބޮޑު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ގުނަން ފަށާފައިވާއިރު ބައެއް ފޮށިތަކުގެ ނަތީޖާ ލިބިއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވަގުތު އިތުރު ކުރަން އިންތިހާބާ ބެހޭ ކޮމެޓީން ނިންމީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެންނެވެ.

ނަމަވެސް މިހާރު ހުރިހާ ވޯޓްފޮށިތައް ބަންދުކޮށް ގުނަން ވަނީ ފަށާފައެވެ. އެތެރޭގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޗެެއާޕާސަންގެ މަގާމަށެވެ. އެ މަގާމަށް ވާދަކުރައްވަނީ އިމްތިޔާޒް ފަހްމީ އާއި ފައްޔާޒް އިސްމާލް އެވެ.

މިވަގުތަށް ލިބިފައިވާ ނަތީޖާތަކުން ދެ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރި ކަމެއް އޮތް ކަމަށް ވަނީ ބެލެވިފައެވެ. ބައެއް ރަށްރަށުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް އިމްތިޔާޒް ހޯއްދަވާފައިވެއެވެ. ބައެއް ރަށްރަށުން ފައްޔާޒްވެސް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

މިއަދުގެ އިންތިހާބާ ގުޅިގެން ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތި ކުރައްވާފައެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ފޮއްޓަށް ލުމުގެ ކުރީން ކަރުދާސް ކޮޅު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

އެކަމަށް ރައްދީ ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ ފ. ނިލަންދޫގައި ވޯޓްލަމުން ދިޔައިރު އިމްތިޔާޒް ތަމްސީލު ކުރާ މަންދޫބު، ވޯޓްލާ މީހުންގެ ވޯޓްކަރުދާސް ދައްކަން އަންގާފައިވާ ކަމަށެވެ. އަދި ވޯޓް ކަރުދާސްކޮޅު ވީޑިއޯ ކުރަމުން ގެންދާތީ ހަމަނުޖެހުން އުފެދުނު ކަމަށެވެ.

"ރޭވިގެން ހިންގާ މިކަހަލަ ކަންކަމުން ދުރުވުމަށް އިލްތިމާސް ކުރަން،"

އޭގެ ފަހުންވެސް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ވަަރަށް ގިނަ މައްސަލަތައް ފެންމަތި ކޮށްފައެވެ. އެ ގޮތުން ޑަބަލް ވޯޓް ކަރުދާސް ދޫކުރަމުންދާ ކަމަށާ އެކަން ވަރަށް ފާޅުގައި ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. ކެންޕެއިން ތަރުޖަމާން ވަހީދު ވިދާޅުވީ ވޯޓްލާން އައި މީހުންގެ އަދަދަށް ވުރެ މާ ގިނައިން މިހާރުވެސް ފޮއްޓަށް ކަރުދާސް އަޅާފައިވާ ކަމަށެވެ.

"ރ. މަޑުއްވަރީ ދާއިރާ މާލެ ފޮށީގެ އޮފިޝަލް، ޑަބަލް ވޯޓް ކަރުދާސް ދޫކޮށްގެން ވަރަށް ފާޅުގައި ވޯޓް އަޅުއްވަމުން އެބަގެންދޭ. ވޯޓްލާން އައި މީހުންގެ އަދަދަށްވުރެ މާ ގިނަ ކަރުދާސް ވަނީ ފޮއްޓަށް އަޅާފައި،" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކު މެދު ދާއިރާ މާލެ ފޮއްޓަށްވެސް ޑަބަލް ވޯޓް ކަރުދާސް އަޅަމުންދާ މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓް ކަރުދާސް ފޮޓޯ ނެގުމަކީ މަނާ ކަމެއް ނަމަވެސް ވޯޓްލުމަށް ފަހު ކަރުދާސް ފޮޓޯ ނެގުމާއި ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދައްކާ ކަމުގެ ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދުގެ މި ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު ވަނީ ދޮގު ކުރައްވާފައެވެ.

އިބްްރާހިމް ވަހީދު ވިދާޅުވީ ފައްޔާޒްއަށް ވޯޓްލާ މީހަކު ދެ ވޯޓް ކަރުދާހުގަައި ފާހަގަ ޖެހުމަށް ފަހު މެންބަރު ވަހީދަށް ފޮޓޯ ނުފޮނުވާނެ ކަމަށެވެ.

"ތިޔަ އުޅުއްވަނީ މި އިންތިހާބުގެ ސައްހަކަން ނަގާލަން. ރޭވިގެން ތިޔަ ހިންގާ ޖަރީމާތައް ހުއްޓާލައްވާ. ތިޔައީ އެމްޑީޕީގެ ސިފައެއް ނޫން،" މުހައްމަދު ވަހީދަށް ރައްދު ދެއްވާ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.