އެއީ މެންދަމުގެ ވަގުތެވެ. ވައިރޯޅިތައް ބާރުވެފައި އޭގެ ޒޫން އަޑު ކަނޑައިގެން ނުދެއެވެ. ފަޒާގައި ހަރުލާފައިވަނީ ކަށިތައް ތޮރުފާލާ ފަދަ ގަދަ ފިންޏެކެވެ. ނަމާންކަމާއި ތޫފާނުގެ އިންޒާރުތަކާއިގެން ހިތްތައް ބިރުގަންނުވަން އުޅޭ ކަހަލައެވެ. ނަމަވެސް ހުޅުމާލޭގެ މަގުތައްވަނީ ފުން ނިދީގެ ތެރޭގައެވެ. ރަތްކަންވެރިވެ ވިލާތައް ބޯވެފައިވާ އުޑާ ދިމާއަށް ބަލާލާނޭ ދިރޭ ފުރާނައެއް ދަންވަރުގެ އެވަގުތުގައި ނެތެވެ. ކަންބޮޑުވެގެން އުޅޭނީ އެހެންނަމަތާއެވެ.
އެ އިވުނީ ކާރެއްގެ އަޑެވެ. އެއާއެކު ހިމައަޑެއް ކިޔާފައި ރަނާއިކަޅުކުލައިން ކުރެހުންއަޅައި ފަރުމާކުރެވިފައިވި ގޭގެ ބޮޑު ގޭޓު ކެހެންފެށިއެވެ. ކުޑަ ގެގަނޑު ތެރޭ ތާއްޔާ ޖެހިޖެހި އިން ފެންނާންޑަޒް ސިހިއްޖެއެވެ. ވަގުތުން ނިދީގެ އަސަރު ފިލުވާލުމަށް ބޯހުރާލާފައި ސަމާލުކަމަށް އޭނާ އަތުވެއްޖެއެވެ. އޭރު ކަޅުކުލައިގެ ކާރު ގޭތެރެއަށް ވަންނަނީއެވެ. ސެކިއުރިޓީ ބެލެހެއްޓުމަށް އެރޭ ޑިއުޓީގަ ހުރި ގާޑަކީ ފެންނާންޑަޒް އެވެ. އޮޅަލިކުލައިގެ ހަންގަނޑާއެކު ހެޔޮވަރުވަރެއްގެ އިސްކޮޅެކެވެ. ފަލަ ނޫނަސް އޭނާގެ ސިނގުބަނޑެއް އިނދެއެވެ. އޭނާގެ މަތިމަހަކީ އޭނާގެ ފަޚުރެވެ. އަވަސްއަވަހަށް އޭނާ ހުރުމަށް ޚާއްޞަކުރެވިފައިވާ އެ ކުޑަ ގެގަޑުގެ ދޮރުމައްޗަށް ނުކުތެވެ. ކޮޅަށް ބެހެއްޓި ދަނޑިބުރިއެއްހެން ބަނޑު ހިންދާލުމާއެކު ހަށިގަނޑު ސީދާކޮށްލި ގޮތަށް ފެންނާންޑަޒް ހުއްޓެވެ. ކާރު ހުއްޓުމެއްނެތި ވަދެގެން ގޮސް އެ އޮންނަންވާ ހިސާބުގައި މަޑުކުރީއެވެ. ވައިއެޅެމުންދިޔަ ހަމެއް ފުފޭހެން މަޑުމަޑުން ފެންނަންޑަޒްގެ ބަނޑު ބޭރަށް ނުކުމެ ދެކޮނޑު އެލުވާލުމާއެކު އޭނާގެ އާންމު ގޮތަށް ރުޖޫއަވެއްޖެއެވެ. ވިދުވަރު ކަނޑައިގެން ދިޔައީ އެވަގުތެވެ. ދެންވާނީ ކިހިނެއްކަން ދެނަހުރި މީހަކު ފަދައިން ފެންނަންޑަޒް އެނބުރުނު ގޮތަށް އޭނާ އިންނަ ގެގަނޑަށް ވަދެ ދޮރުލައްޕައިފިއެވެ. ކާރުގައި އައީ ކާކުތޯ ބެލުން ވެސް މުހިންމެއްނުވިއެވެ.
ކާރުން ފޭބި ޒުވާނާގެ ހަރަކާތްތައް އަވަހެވެ. އިވިގެންދިޔަ ބާރު ގުގުރީގެ އަޑުން އޭނާއަށް ސިހުމެއް ނުލިބުނެވެ. ކާރު ތަޅުލެވުނު އަޑު ވެސް ގުގުރީގެ އަޑުގެ ތެރެއަށް ހިމޭންވެގެން ދިޔައީއެވެ. އޭނާ ހަލުވި ހިނގުމުގައި އައިސް ގޭގެ މައި ދޮރާ ހަމައަށް ދާން އަޅާފައި އޮތް ހަރުފަތްތަކަށް އެރިއެވެ. ހަތަރު ހަރުފަތް އެއްފަހަރުން ގިރާކޮށްލިއެވެ. މައިދޮރު ހުޅުވުމަށް ކޯޑު ޖަހަން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އެތެރެއިން ދޮރުހުޅުވާލައިފިއެވެ.
"ފަޒްނައްތަ ނުނިދަންތަ؟." ލިބުނު ހައިރާންކަން ފޮރުވަމުން އޭނާ ވާހަކަދެއްކީ އަދަބުވެރިކަމާއެކުއެވެ.
"ތިނެއް ޖަހައިފި. ދައްތަ ތެދުވާ ގަޑި ޖެހުނީ. ބޭރުގަ ނުހުރެ އަވަހަށް ވަދޭ. ވާރޭ ވެހޭތަ؟ ތެމިފަތަ ތިހުރީ." ފަޒްނާ ކުޑަކޮށް ބޯއަރިކޮށް ބޭރަށް ބަލާލިއެވެ.
"ކަނި ޖަހާ. އެންމެން ނިދާފަ ދޯ." އެތެރެއަށް ވަންނަމުން އޭނާ ވާހަކަދެއްކިއެވެ. އަދި އެއްފަރާތުގައި ހުރި ހިމަ މޭޒުގެ މަތީ ކާރުގެ ތަޅުދަނޑި ބޭއްވިއެވެ.
"މިގަޑީގަ ތިއައީ ކަމެއް ބޭނުންވީތަ؟ މަންމައަށް ގޮވާލަދޭންވީތަ؟" ފަޒްނާ ސުވާލުކުރިއެވެ.
"ނޫން. ހެނދުނުން ބައްދަލުވާނެއެއްނު. އަހަރެންގެ ކޮޓަރި ހުރީ ތައްޔާރައްތަ؟."
"އާން. މިއަދު ހެނދުނު ސާފުކުރި. ތަންމަތި ވެސް ބަދަލުކުރި. ކިރުތަށްޓެއް ގެންގޮސްދެންތަ؟" ފަޒްނާ އަހާލިއެވެ. އޭނާގެ ހިތުގައި ސުވާލުތަކެއްވިއެވެ. ޖަވާބު ލިބޭތޯ ބެލީ އެ ޒުވާން މޫނުންނެވެ. ނަމަވެސް އެކައްޗެއް ވެސް ދޭހައެއްނުވިއެވެ.
"އެއްޗެއް ބޭނުމެއްނޫން."
އޭނާ ސިޑީގެ ހަރުފަތްތަކަށް އަރައިގެން ގޮސް ގެއްލެންދެން ފަޒްނާ ބަލަން ހުއްޓެވެ. ދެން އޭނާ ވެސް އެނބުރި އޭނާ ހުންނަ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
* * * * *
ވާރޭ ވެހެން ފަށައިފިއެވެ. ބޮލާއެކު ރަޖާ އަޅާލައިގެން އޭނާ އޮތެވެ. ކަންނެޔޮލުގައި ބާރަށް ބައްދައިގެންނެވެ. ބިއްދޮށުން ކުދި ބާލީސްތައް ގެނެސް ގައިގާ ޖައްސާފައިވެއެވެ. ކޮޓަރީގެ ދޮރު ހުޅުވުނުކަމެއް އޭނާއަކަށް ނޭނގެއެވެ. މީހަކު އެ ކޮޓަރިއަށް ވަދެއްޖެއެވެ. އުޅުނީ ސިއްރުންނެވެ. މަޑުމަޑު ރަޖާގަނޑު ހިއްލާލުމާއެކު އެމީހަކު އެރީ އެނދަށެވެ. ޖައްސާފައި ހުރި ކުދި ބާލީސްތައް އެއްފަރާތްކުރުމާއެކު އޭނާގެ ގައިގާ އެމީހަކު ބައްދާލައިފިއެވެ.
"މަލް..." ނިދީގެ ތެރެއިން އޭނާ ގޮވާލިއެވެ.
"ހެޕީބާތްޑޭ ކުޑޫ. ނައު ސްލީޕް." އޭނާގެ ގައިގާ ބައްދާލައިގެން އޮވެ މަލަކް ބުނެލިއެވެ. މަޑުމަޑުން ހޫންއެއް އޭނާ ލައްވާލިއެވެ.
އެއީ ފިނި ދުވަހެއްގެ ފެށުމެވެ. ހެނދުނުގެ ވަގުތެވެ. މެދުކެނޑުމެއްނެތި ވާރޭ ވެހެނީއެވެ. ބަނަވިލާތައް އިރުގެ އަލިކަމަށް ހުރަސް އަޅާފައިވެއެވެ. އެ ވިލާތަކުން ފުރޭނިގެން ބިމަށް ފޯރާފައިވަނީ ފަނޑު އަލިކަމެކެވެ. އަދިވެސް ރަނގަޅަށް އިރު ނާރާ ފަދައެވެ. އެހެންވެ ރޭގެ ނިދިން ދުނިޔެ އަދިވެސް ނުހޭލާ ފަދައެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ގަތުމަށް ހުޅުވާލެވުނު އެޕާޓްމެންޓް ތަކުން ޕެންޓްހައުސްއެއް މަޒްހަރު ގަތީ ދަރީންގެ މުސްތަޤްބަލަށް ވިސްނާފައެވެ. ހުޅުމާލޭގެ މާޙައުލު ވެސް އޭނާއަށް ކަމުދިޔައީއެވެ. މައިންބަފައިންގެ ގެއިން ލިބުނު ތަންކޮޅު ހަތްބުރިއަށް ނެގުމަށްފަހު ހުންނަނީ ކުއްޔަށް ދީފައެވެ. އެންމެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެނީ އެ ގޭގެ ކުލިންނެވެ. އޭނާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވިޔަސް ﷲގެ ރަޙުމަތުން ތަނަވަސް ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވާ މީހެކެވެ. މަޒްހަރުގެ އެންމެ ބޮޑު ފަޚުރަކީ އޭނާގެ 3 އަންހެން ދަރީންނެވެ. އާމާލްގެ ހައްޤަކަށް މޭގައި ތެޅިތެޅި އޮތް މަޒްހަރުގެ ހިތްވާއިރު، އެ ދަރީންނަކީ އެ ދެމަފިރިންގެ ހަށިގަނޑުގެ ބައެކެވެ.
ހެނދުނުގެ ނާސްތާއަށް ސުފުރާމަތި ތައްޔާރުކުރަމުން ދިޔައީ އާމާލްގެ ދެއަތުންނެވެ. ހަ މީހުންނަށް އިށީނދެވޭނެ ކާމޭޒުގެ ކޮޅުގައި މަޒްހަރު އިނީ އައިޕެޑް ހިފައިގެންނެވެ. އޭނާ ރާއްޖޭގެ ނޫސްތައް ބަލަނީއެވެ. ބައެއް ސުރުޚީތައް އަނބިމީހާއަށް އިވޭ ވަރަށް ކިޔާލައެވެ. އާމާލް ތަފްސީލު ބޭނުންވެއްޖެނަމަ ސުރުޚީގެ ދަށުން ލިޔެފައި އޮތް ތަފްސީލު ވެސް މަޒްހަރު ކިޔާދެއެވެ. ދަރީން ނާސްތާކުރާ މޭޒުގެ ދޮށަށް ޖަމާވުމުގެ ކުރީން އެއީ އެ ދެމަފިރިންގެ އާދައެވެ.
"ކޯއްޗެއް މިފަހަރު އެމަންޖެއަށް ދެނީ." އައިޕެޑުގެ އިސްކުރީނުން ނަޒަރު ވަކިކޮށްލައި އަނބިމީހާއަށް މަޒްހަރު ބަލާލިއެވެ.
"ތިކަމާ މިވިސްނަނީ. ބޭނުންވާ އެއްޗެއް ނެތޯ. އަހަންނަށް ހީވަނީ އަދިވެސް އެކަމާހެން އޭނާ އެ ވިސްނަނީ." އާމާލް ބަދިގެ ފަރާތުން ގެނައި ތަށި މޭޒުމަތީ ބަހައްޓަމުން ވާހަކަދެއްކިއެވެ.
"އެ ވާހަކަ ނުދައްކާށޭ އަހަރެން ބުނީމެންނު." މަޒްހަރު އެއްގޮތަކަށް ވެސް ގަޔާނުވިކަން އޭނާގެ މޫނަށް ވެރި އަސަރުތަކުން އެނގެއެވެ.
މައި ދޮރު މީހަކު ހުޅުވާލީ އެވަގުތެވެ. މަޒްހަރާއި އާމާލް އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ. ކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ހުރެ އެތެރެއަށް ވަނީ އިސްކޮޅުން ދިގު ހިމަތޮޅި އަންހެން ކުއްޖެކެވެ.
"މައިރް!." ފުޅާ ހިނިތުންވުމާއެކު އާމާލްގެ މޫނު އުޖާލާވެއްޖެއެވެ.
"ގުޑް މޯނިން ޑޭޑް." ހެނދުނުގެ ސަލާމް ބައްޕައާ މައިރާ ކުރިއެވެ.
"ވިއްސާރައެއް ނޫންތަ؟." ދަރިފުޅުގެ ސަލާމަށް އިޖާބަ ދިނުމަށްފަހު މަޒްހަރު އަހާލިއެވެ.
"ކާރުގަ މިއައީ." މަޒްހަރާއި ޖެހިގެން ކާމޭޒުގެ ވައަތްފަރާތުގައި ހުރި ގޮނޑީގައި މައިރާ އިށީނެވެ.
"ރަޒާ ނުވަދެ ދިޔައީތަ؟" އާމާލަށް އަހާލެވުނެވެ. މައިރާ އެކަންޏެއް ނާންނާނެކަން އެނގޭތީއެވެ. ކާރުގައި އައިނަމަ އެ އައީ ރަޒާއާއެކުކަން ޔަގީނެވެ.
"އޭނާ ފަހުން އަންނާނެ. ކޮބާ މާޔަލްއާ ކޮއްކޮ." މައިރާގެ ނަޒަރު ކޮޓަރިތަކާ ދިމާއަށް ދަތުރުކޮށްލިއެވެ.
މަޒްހަރާއި އާމާލްއަށް އެއްޗެކޭ ނުބުނެވެނީސް މައިރާ ތެދުވެއްޖެއެވެ. އޭނާ ފުރަތަމަ ވެސް އައިސް ވަންނަން ދިމާކުރީ މާޔަލްގެ ކޮޓަރިއަށެވެ. ދޮރުހުޅުވާލުމާއެކު އެ ކޮޓަރިއަށް އަދި ދަންވަރުކަން އެނގުނެވެ. ފާރުގައި ހުރި ސުވިޗުގައި އޭނާ އަތްޖައްސާލިއެވެ. މަޑުމަޑުން އަލި ގަދަވެއްޖެއެވެ. އެއާއެކު ފެނުނު މަންޒަރުން މައިރާއަށް ހީނލެވުނެވެ. ރަޖާގެ ދަށުން ފެންނަން އެއޮތީ ކާކުގެ ބުޑުކޮޅުކަން ދެނެގަންނަން އޭނާއަށް އެނގިއްޖެއެވެ. ބަލާކަށް ނުހުރެ އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަނެއްޖެއެވެ.
"ގު.ޑް.. މޯ.ނި.ން.ގް." މައިރާ ހަޅޭލަވައިގަތެވެ.
އެނދުމަތިން ފުރޮޅިލަން މަސައްކަތްކުރި ދެ އަންހެންކުދީން އެއްފަހަރާ މައިރާ ދުރަށް ކޮއްޕާލިއެވެ. އެއާއެކު އޭނާގެ ހުނުންވީ ބާރެވެ. ދެ އަންހެންކުދީންގެ ދޭތެރެއިން އޭނާ ޖާގަ ހަދާލުމާއެކު އޮށޯތެވެ.
"ދޮންތީ." މަލަކްއާއި މާޔަލްގެ އަޑު އެއްފަހަރާ އިވުނެވެ.
"ޕްރިންސެސް މާޔަލް. ވޭކްއަޕް... މިއޮއްފަދަ ދުވަހު ވެސް ނިދަނީތަ؟." މައިރާ ބުންޏެވެ. އަދި އަރިއަކަށް ޖެހި މާޔަލްގެ ގައިގާ ބައްދާލިއެވެ. އެހިނދު އޭނާގެ ގައިގާ ފަހަތުގައި އޮތް މަލަކް ބައްދާލައިފިއެވެ.
"އަދި ހާދަކަމެއް އެބަހުއްޓޭ ކުރާން. ކޮއްކޯ!. ނިދަން އޮވެގެން ވާކަށްނެތޭ." މައިރާގެ ބުރަކަށީގައި މޫނުފޮރުވަމުން ނިދޭތޯ އުޅުނު މަލަކްއަށް ބުންޏެވެ.
"ޕާޓީ." ކުއްލިއަކަށް ފުންމައިގެން ތެދުވިގޮތަށް މަލަކް ބުނެލިއެވެ.
"އާން! ޕާޓީ." މައިރާ ހެވިފައި އޮވެ ބުނެލިއެވެ. އޭނާގެ ކޮއްކޮއަށް ރޭކާލީ އަދިކިރިޔާކަން އެނގުނެވެ. މަލަކްއަށް ކޮންމެކަމެއް ވެސް "ގެޓުވާން" ވަގުތުކޮޅެއް ނަގާނެކަން އެނގެއެވެ.
"މައި ޑްރެސް... ކުޑޫ ވޭކްއަޕް." މަލަކް ހާސްވެއްޖެއެވެ. އަވަހަށް މާޔަލް ނަގަން އޭނާ މަސައްކަތް ފެށިއެވެ.
ދެބެންގެ މަސައްކަތުން މާޔަލް ތެދުވިއެވެ. އެނދުގައި އިށީނދެލައިގެން ވަގުތުކޮޅަކަށް އިނެވެ. އެއަށްފަހު އޭނާ ތެދުވީއެވެ. ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރިއަށް އައިސް ހުއްޓުނެވެ. ފަރުދާތަކުގެ ދޭތެރެއިން އޭނާ ބޭރު ބަލާލިއެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑަށް ވާރޭގެ ހަނގުރާމަވެރީން ދޭ ހަމަލާތައް ފެނުނެވެ. ދައްތައާއި ކޮއްކޮގެ ދައްކާ ވާހަކަތަކަށް އޭނާގެ ސަމާލުކަން ކުޑަވެފައިވެއެވެ.
"މާއްކޮ." މައިރާ އައިސް މާޔަލްގެ ފުރަގަހުން ބައްދާލިއެވެ. އޭނާގެ ކޮނޑުގައި މައިރާ ދަތްދޮޅި އަޅުވާލިއެވެ. އެ އަޑުގައިވާ ކަންބޮޑުވުން މާޔަލްއަށް ނަގައިގަންނަން ދައްޗެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު މާޔަލް މޫނުމަތި ބަދަލުކޮށްލިއެވެ. ފުޅާ ހިނިތުންވުމެއް ތުންފަތުގައި ކުރަހާލީއެވެ. ދޮންތަގެ އަތްދަށުން ރެކިލުމާއެކު މާޔަލް އައިސް އެނދަށް ކޮޅަށް އެރިއެވެ.
"މިއަދަކީ އަހަރެންގެ ދުވަސް." ހެވިލާފައި ހުރެ ދެ އުކުޅުގައި އަތް ވިދެލަމުން މާޔަލް ބުނެލިއެވެ. މަލަކްއާއި މައިރާ އެއްބަސްވެލިއެވެ.
"ޑޭޑް ގޮވަން ނާންނަނީސް ހިނގާ ސައިބޯން. މިއަދު އެއްކޮށް އަހަރެމެންގެ ޕްރިންސަސްއަށް ޓަކައި ފްރީވެގެން މިއައީ." މައިރާ ބުނެލިއެވެ.
"ވާއޮ! ސީރިއަސްކޮށް ދޮންތީ." މާޔަލްއަށް ބުނެވުނެވެ.
"މަލް ވެސް އެއްކޮށް ފްރީ." މަލަކް ބުނެލިއެވެ. އެއާއެކު މައިރާއާއި މާޔަލް ފަހަތަށް ބޯ ގެންދިއުމާއެކު ވަށައިގެން ލޯ ހިންގާލީ ފަރުވާކުޑަ ގޮތަކަށެވެ.
"ހައްދަވައިގެން ކަމެއް ނުކުރާ މީހަކު ބިޒީވާނެ ގޮތެއް އޮވޭތަ." މައިރާ ބުނެލިއެވެ.
"ދޮންތިއަކަށް ނޭނގޭނެ. އާމިރުއާ އެކީ ކޮފީއަކަށްދާންޖެހޭ. ނުޒޫގެ އުޅެނީ ހާޓްބްރޭކްވެގެން އޭނާގެ ބޯއިފްރެންޑް ޗީޓްކޮށްގެން. އޭނާއަށް ޝޯލްޑާއެއްދޭން ހުރީ އަހަރެން. ސުމީއާ އެއްކޮށް ޝޮޕިންއަށްދާން ވެސް ބުނެފަ އޮތީ. ހާދަކަމެކޭމީ... މިހުރިހާ ކަމަކީ މުހިންމު ކަންތައް. އަދި ކޮބާ ރަޒާންއާއެކު ސްޕެންޑްކުރާ ޓައިމް. ބަޓް އެންމެ އިމްޕޯޓެންޓް ވާނީ ފެމެލީ ދޯ. ސްޕެޝަލީ ދޮންތީއާ ކުޑޫ." މަލަކް ބޯހޫރާލިއިރު ހީވީ އޭނާ ކުރާން ޖެހޭ ކަންތައް ބޮލުގެ އިސްތަށްޓަށް ވުރެ ގިނަ ހެންނެވެ. އެ މަންޒަރު ބަލަން ތިބި މާޔަލްއާއި މައިރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ހެނދުނުގެ ސަލާމް އިނގިރޭސި ބަހުން މަޒްހަރާއި ކުރަމުން މަލަކްއާއި މާޔަލް އައިސް ކާމޭޒުދޮށުގައި އިށީނެވެ. މަޒްހަރުގެ ކަނާއަތްފަރާތުގައި އިން މާޔަލްއަށް އޭނާ ބަލާލީ ނުހަނު ލޯބިންނެވެ. މޭޒުމަތީ ހުރި ކޮފީޖަގު ނެގުމާއެކު ދަރިފުޅުގެ ކައިރީ ހުރި ޖޯޑަށް މަޒްހަރު ކޮފީ އަޅައިދިނެވެ.
"ޑޭޑް..." ކޮބާހޭ މަށަށް އަހާލާ ފަދައިން މާޔަލްއާ ޖެހިގެން އިން މަލަކް ގޮވާލިއެވެ. ޖޯޑު ނަގައި ބައްޕައަށް އޭނާ ދިއްކޮށްލަން ވާއިރަށް މާޔަލްގެ ޖޯޑު ކޮއްކޮއަށް ދީފިއެވެ. އެތަން ފެނި މަޒްހަރުގެ ތުންފަތުގައިވީ ހިނިތުންވުން ފުންވެލިއެވެ. ހުރިހާ ދަރީންގެ ތެރެއިން ވެސް މަޒްހަރުގެ ހިތާ އެންމެ ގާތީ މާޔަލްއެވެ. އޭގެ ސަބަބު ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
"ހެޕީ ބާތްޑޭ ދަރިފުޅު." މަޒްހަރު ބުނެލިއެވެ.
"މައިރް... ދަރިފުޅު ފޯނު ބާއްވަބަލަ. ކާގަޑީގަ ފޯނާ ނުކުޅޭށޭ ބުނަމެންނު." އާމާލް ކާމޭޒުދޮށުގައި އިށީންނަމުން ބުންޏެވެ.
"އެބަހުރި ވަރަށް ޚާއްޞަ މީހަކު އައިސް. އެބަ އަންނަން ގޮވައިގެން." ފޯނު މޭޒުމަތީ ބާއްވާލުމާއެކު މައިރާ ބުންޏެވެ.
"ކާކު؟." އަނގަގަދަ މިތުރުކަމަށްވާ މަލަކް އަހާލިއެވެ.
ޖަވާބެއް ނުދީ ހިނިތުންވެ ހުރެ މައިރާ ތެދުވެގެން ދިޔައެވެ. ނާސްތާކުރާން ނުފަށާ އެންމެން ތިބީ އެމީހެއްގެ އިންތިޒާރުގައެވެ. އެހެންވިޔަސް މާޔަލްއަށް ކޮފީ ޖޯޑުން އެތިފޮދެއް ބޯނުލާ ނީނދެވުނެވެ. އަނގައިގެ ތެރެއަށް ފެތުރިގަތް ކިރު ކޮފީގެ ރަހަތަކުން އޭނާގެ ސިކުނޑި ތާޒާވެލައިފިއެވެ. އަރާމެއްގެ އިހްސާސް ކުރެވުނު ފަދައަކުން އޭނާ ދެ ލޯ މަރާލިއެވެ.
"މާއްކޮ." މައިރާ ގޮވާލިއެވެ. ދެ ލޯ ހުޅުވާލި މާޔަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"އިވާން." މާޔަލްގެ ހިތްއަވަސްވިއެވެ. ބޭއިޚްތިޔާރުގައި ވެރިވި ފުޅާ ހިނިތުންވުން އޭނާގެ ހިތަށް ލިބުނު އުފާވެރިކަން އެންމެންނަށް ބުނެދީފިއެވެ.
* * * * *
"ކޮންއިރަކު އައިތަން އައީ؟." ކާމޭޒު ދޮށުގައި އިށީންނަމުން ޝަބްނަމް އަހާލިއެވެ.
"ރޭ ދަންވަރު." ފަޒްނާ ޖަވާބު ދިނެވެ.
"ކީލަން ކޮބާ؟ ބްރެކްފަސްޓް ހިފައިގެން ހިނގައްޖެތަ؟." ހެނދުނު ނާސްތާއަށް އާންމުކޮށް ހުންނަ ހުރިހާ ބާވަތެއް ސުފުރާމަތިން ފެނޭތޯ ލޯ ހިންގަމުން ޝަބްނަމް ވާހަކަދެއްކިއެވެ.
"އަދި ނުދޭ. ޓްރޭ ތައްޔާރުކުރަނީ." ފަޒްނާ ބުންޏެވެ.
"އައިތަން އެކަނިތަ އައީ؟." ޝަބްނަމް އަހާލިއެވެ.
"ލައްބަ." ފަޒްނާ އަދަބުވެރިކަމާއެކު ބުނެލިއެވެ.
ޝަބްނަމްގެ ފިރިމީހާ އިސާކު ކާކޮޓަރިއަށް ވަދެގެން އައީ އެވަގުތެވެ. ކުރުނީސް ކުރާފަދަ އިޝާރާތަކާއެކު ފަޒްނާ މަޑުމަޑުން އެތަނުން ނުކުތެވެ. ދެމަފިރިންގެ މެދުގައި ދެކެވޭ ވާހަކަ އަޑުއަހަން ހުރުން ހުތުރުކަމަކަށްވާތީއެވެ.
އިސާކް އައިސް އިށީނުމުގެ ކުރީން ޝަބްނަމްގެ ނިތްކުރީގައި ބޮސްދީފިއެވެ. ހެނދުނުގެ ސަލާމްކުރިއެވެ. ސާޅީސްއަށް އަހަރުގެ ޝަބްނަމްގެ ދޮންދޮން ކޯތާފަތަށް ލަދުވެތިކަމުގެ ލޭ ޖަމާވެލިއެވެ. ލޯބިން އިސާކްގެ ނަން ޝަބްނަމް ކިޔާލިއެވެ. ނަމަވެސް ނިކަން އަވަހަށް ޝަބްނަމްގެ ތަނަވަސް ނިތްކުރިއަށް ނުތަނަވަސްކަމުގެ ރޫޖެހިލައިފިއެވެ.
"ރޭ ދަންވަރު އައިތަން ގެއަށް އަތުވެއްޖެ. އެކަނި." ފިރިމީހާއަށް ޚަބަރު ދިނުމަށް ޝަބްނަމް އަވަސްވެލިއެވެ.
"ރިއާ ތަނަކަށް ފުރީކަމަށް ތިވާނީ. ޝައްބޫ ހާދައަވަހާއޭ ތި ހާސްވަނީ." މޭޒުމަތީ ބާއްވާލައިގެން އިން ޝަބްނަމްގެ އަތްތިލައިގަ އިސާކު ފިރުމާލިއެވެ.
އައިތަން އައިސް ކާކޮޓަރިއަށް ވަނެވެ. މަންމައާއި ބައްޕަގެ ފަރާތުން ފެންނަ ގާތްކަމާއި ލޯތްބަކީ އެ މަންޒަރުތަކަކަށް އޭނާ ހޭނިފައިވާ ކަންކަމެވެ. ދަރިފުޅު ފެނުމާއެކު އެ ދެމަފިރިން އެކުގައި މަރުޚަބާ ކިޔެވެ. މަންމަގެ ކުރިމަތިން އިސާކުގެ ވައަތްފަރާތުން އައިތަން އިށީނެވެ.
"ދޮންބެ ނާދޭތަ." އައިތަން އަހާލިއެވެ.
"މަންމަމެންނާއެކު އެއްސުފުރާ މައްޗަކަށް ނާރާ..." ޝަބްނަމްގެ އަތުގައި އިސާކު ހިފަހައްޓާލިއެވެ. އަނބިމީހާގެ އިހްސާސްތައް އޭނާއަށް އެނގޭތީއެވެ. ދައްކަން ކިހާ އުނދަގޫ ވާހަކަތަކެއްކަން އެނގޭތީއެވެ.
"ރިއާ ފުރީތަ؟" އިސާކު ވާހަކަ ބަދަލުކޮށްލިއެވެ. އައިތަންގެ އިސްޖަހާލުން އިސާކާއި ޝަބްނަމްގެ ހިތް އަވަސްކުރުވިއެވެ. ބައްޕަގެ ސުވާލަށް ޖަވާބު ދިނުމަށް އައިތަން ދެފަރާތަށް ބޯހޫރުވާލީއެވެ.
"ރިއާއަށް އެނގޭތަ ދަރިފުޅު ގެއަށް އައިކަން. ކިހިނެއްވީ؟. މައްސަލައެއް ޖެހުނީތަ؟." ޝަބްނަމް ވާހަކަދެއްކިއެވެ. އިސާކު ބުންޏަސް ޝަބްނަމްއަށް ހާސްނުވެ ނީނދެވުނެވެ. އައިތަންގެ ހިމޭންކަން އޭނާގެ ހިތްބިރުގަންނަވަނީއެވެ. ހިމޭންކަމަކީ އައިތަންގެ ސިފައެއް ނޫންވީމައެވެ. އަނބިމީހާގެ ގާތުގައި އޮންނަންވީ ވަގުތެއްގައި އަނބިމީހާ ދޫކޮށްލާފައި އައިތަން އައި ސަބަބު އޮޅުންފިލުވަން ޝަބްނަމް ބޭނުންވެއެވެ.
"ރިއާ ވަރިކުރަން ގަސްދުކޮށްފިން." އެއްޗެކޭ ނުބުނެ ވަގުތުކޮޅަކަށް އިނުމަށްފަހު އައިތަން އިއްވާލިއެވެ. ޝަބްނަމްއަށް ލިބުނު ސިހުމުގައި ހުޅުވުނު އަނގަމަތީ އަތްއަޅައި އަވަހަށް ނިވާކޮށްލިއެވެ.
އެއްޗެހިތަކެއް ވެރިގަތް އަޑުފަށްގަނޑު ކާކޮޓަރިއާ ހަމައަށް ވެސް ފޯރިއެވެ. ޝަބްނަމްގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ. ފިނި ހެނދުނުގެ ތާޒާކަން އެ މޫނުން ގެއްލިއްޖެކަން ގައިމެވެ. ގިނައިރެއްނުވެ ހާސްކަމުގައި ކީލަން ދުވެފައި އައިސް ކާކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ހުރި ގޮތުން އެހެރީ ބިރުގެންފައިކަން އެނގެއެވެ. ބަދިގެ ތެރެއިން ފަޒްނާ ވެސް ނުކުތީ އެވަގުތެވެ.
"އައިރިކް." ގޮނޑިން ތެދުވަމުން ޝަބްނަމަށް ކިޔާލެވުނެވެ. ކަންތައްވީ ކިހިނެއްކަން މީހަކު ބުނެދޭކަށް އޭނާއަކަށް ނުޖެހެއެވެ. ހަގީގަތް އެނގޭތީއެވެ. ޝަބްނަމްގެ ހިތަށް ދަތިކަން ލިބުނެވެ. އެ އާއިލާއަށް މީހެއްގެ އެސްފީނާ ޖެހުނީބާއެވެ.
"ޝައްބޫ... އަހަރެން މިދަނީ." އިސާކު ތެދުވިއެވެ. އަދި ޝަބްނަމްއާ ލޮލުން އިޝާރާތްކޮށްލީ އެމީހުންގެ ކައިރީ އިން އައިތަންއަށެވެ. އިސާކު އެ އިޝާރާތް ކުރީ އައިތަންއާ ޝަބްނަމް ވާހަކަދައްކާށެވެ. އެކަން ޝަބްނަމް ދެނެގަތެވެ. އިސާކު ކާކޮޓަރިން ނުކުމެގެން ދަންދެން ޝަބްނަމް ބަލަން ހުއްޓެވެ. އޭނާގެ ނަޒަރު ކައިރީގަ އިން އައިތަންއަށް ހުއްޓުނީ އޭގެ ފަހުގައެވެ. މަޑުމަޑުން ގޮނޑީގައި ޝަބްނަމް އިށީނެވެ. އައިތަންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. (ނުނިމޭ)