ސްރީލަންކާ 5-0 އިން ބަލިކޮށް ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން މިރޭ ހޯދައިފި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި ޖެހީ އިސްކޮޅުންދިގު ޑިފެންޑަރު ސައީދު މުހައްމަދު ހާޝިމީ އެވެ. ދެ ވަނަ ލަނޑު ޖެހީ ކަނިޝްކާ ތަހީރެވެ. ތިން ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ހައިބަރު އަމާނީ އެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ. އަމާނީ މުބާރާތުގެ ޓޮޕް ސްކޯރާ ވެސްމެ އެވެ. އެެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އަހުމަދު އަރާޝް ހަތީފީ އެވެ. އަފްގާނިސްތާނުން ފަސް ވަނަ ލަނޑު ޖެހީ ކެޕްޓަން ފައިސަލް ޝަޔޭޝްޓޭ އެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ.
މިއީ 2005 ވަނަ އަހަރު މި މުބާރާތުގައި ވާދަކުރަން ފެށި ގައުމު ވިދިވިދިގެން ފައިނަލްގައި ކުޅޭނެ ތިން ވަނަ ފަހަރެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލުގައި އަފްގާނިސްތާނާ ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާ އެވެ. މި ދެ ގައުމު 2011 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް އަފްގާނިސްތާން ބަލިވީ މެޗުގެ ނަތީޖާ ނެރެން ކުޅުނު އެކްސްޓްރޭ ޓައިމްގައި އިންޑިޔާ ޖެހި ގޯލަކުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތުގައި އަފްގާނިސްތާން ތަށި ހޯދީ އިންޑިޔާ ބަލިކޮށްފަ އެވެ.
މުބާރާތުގެ ފައިނަލަށް އިންޑިޔާ މިއަދު ދަތުރު ކުރީ ޖެހިޖެހިގެން ތިން ވަނަ އަހަރެއްގައި ސެމީ ފައިނަލުގައި ދިވެހިރާއްޖެ ބަލިކޮށްފަ އެވެ. ރާއްޖެ މިއަދު ބަލިވީ
3-2އިންނެެވެ.
ޕާކިސްތާން ފިޔަވައި ސާކުގެ އަނެއް ހަތް ގައުމު ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަަކަށް އިންޑިޔާގައި ބާއްވާ މި މުބާރާތުގައި މި ފަހަރު ވާދަކުރި އެވެ. ގްރޫޕް ސްޓޭޖުން ކެޓީ ނޭޕާލާއި ބަނގްލަދޭޝް އަދި ބޫޓާނެވެ. ތިން ޓީމު ހިމެނުނު ގްރޫޕް އޭއިން ސެމީ އަށް ދިޔައީ ކުޅުނު ދެ މެޗުން ވެސް ކާމިޔާބުކޮށް އިންޑިޔާ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ނޭޕާލް ބަލިކުރި ލަންކާ އެވެ. ގްރޫޕް ބީން އަފްގާނިސްތާން އެއްވަނަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ރާއްޖެ ސެމީ އަށް ދިޔައީ ބަނގްލަދޭޝް އާއި ބޫޓާން ބަލިކޮށްގެންނެވެ.