ކަންގަނާ ރަނާވަތު މިހާރު ހުރީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ރަނގަޅު ހިސާބުގަ އެވެ. އެހެން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އިންތިޒާރު ނުކޮށް އަމިއްލައަށް ފިލްމު އުފައްދައިގެން ނެރުމުގެ މަސައްކަތް ވެސް މިހާރު އޭނާ ކުރެ އެވެ.
އިންޑިއާގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ މިދިޔަ އަހަރު އޭނާއަށް ލިބިފައިވުމަކީ އޭނާގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.
ކަންގަނާ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ވަރަށް އަވަހަށް އެމެޒޯން ޕްރައިމް ވީޑީއޯ އިން ދެއްކުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އޭނާ ކުޅެމުންދާ "ދާގަޅް" ރިލީޒްކުރާ ދުވަސް ވެސް ކައިރިވެފައިވާއިރު "ތޭޖަސް"ގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދެ އެވެ. ނަމަވެސް ފިލްމީ ކެރިއަރުގައި ކިތަންމެ ކާމިޔާބަސް ކަންގަނާގެ ޒާތީ ދިރިއުޅުން އޭނާއަށް ކާމިޔާބެކޭ ނުބުނެވޭނެ އެވެ.
ދާދިފަހުން ޓީވީ ޝޯ ހޯސްޓް ސިދާރްތު ކަނަން އަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ބުނި ގޮތުގައި "ދާގަޅް"ގައި އޭނާ ކުޅެނީ ސުޕަ ސްޕައި އެއް ކަމަށްވާ އޭޖެންޓް އަގްނީގެ ރޯލު ކަމަށެވެ. މިއީ ކަންގަނާގެ ހަގީގީ ކެރެކްޓާއާ ވަރަށް އެއްގޮތް ރޯލެއް ކަމަށް ގަބޫލުކުރަންތޯ ސިދާރްތު ސުވާލުކުރުމުން ކަންގަނާ ޖަހާލީ ހިނިގަނޑެކެވެ. އަދި ހަގީގީ ދިރިއުޅުމުގައި އެއްވެސް މީހަކަށް އޭނާ އަނިޔާ ކުރިތޯ ކަންގަނާ ސުވާލުކުރި އެވެ.
"އަހަރެންނަށް ކައިވެންޏެއް ވެސް ނުކުރެވިގެން މި އުޅެނީ އަހަންނަކީ ފިރިހެނުންނަށް އަނިޔާކުރާ މީހެކޭ ކިޔައިގެން ދޮގު ޚަބަރުތައް ފަތުރާތީ،"
ކަންގަނާ ބުނި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ އޭނާ ބޭނުންވަނީ ކައިވެނިކޮށް ދަރިން ތަކެއްގެ މަންމައަކަށް ވާށެވެ. އެއީ ކޮންމެ އަންހެނެއްގެ ވެސް ހުވަފެން ފަދައިން ޚުދު އޭނާގެ ވެސް ހުވަފެނެއް ކަމަށް ކަންގަނާ ބުންޏެވެ.