މޯލްޑިވްސް ޕޮލިސް ސާވިސް

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރު ހެދި މީހަކު ހޯދަނީ

May 15, 2022

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ކ. މާލެ، ދަފްތަރު، އަބްދުﷲ މުއާޒު ސައީދު (34 އ) އެވެ.

މުއާޒު ހޯދަނީ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރުގެ މައްސަލައެއްގައި އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ.

މާމެންދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އޭނާ ހުރި ރަށަކާ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ސުވާލުކޮށް ބަޔާން ނެގުމަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ މުއާޒަށް އާންމުކޮށް އަންގާފަ އެވެ.

ފުލުހުން ބުނީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ އޭނާ ހޯދަނީ އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުން ކަމަށެވެ.

މުއާޒުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ކަމަށް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ