އިބްރާހިމް އިސްމާއީލް (އިބްރާ)

ބޮމެއް ނުގޮވާ، ނަޝީދު ގެއްލިއްޖެ: އިބްރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ގެއްލިއްޖެ" ކަމަށް ވިދާޅުވެ އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ ނިމުމު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެެމްޕެއިންގެ އެންމެ ފޯރިގަދަވި ވަގުތު މެއި 15 ވަނަ ދުވަހު ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެ އިބްރާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓާއި ގުޅިގެން އިބްރާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް މައްސަލަވެސް ހުށައެޅި އެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ފުރަތަމަ އެ މައްސަލަ ބަލަން ޖެހޭނީ ފުލުހުންގެ އިދާރާއިން ކަމަށް ފެންނާތީ ކޮމެޓީން ނިންމީ މައްސަލަ ފުލުހަށް ހުށައަޅާށެވެ.

މި މައްސަލަ މަޖިިލީހަށް ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ. މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށް ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެ އެ ވާހަކަ ދެއްކުމަކީ އެފަދަ ދެވަނަ ހަމަލާއަކަށް ފުރުސަތު ފަހި ކުރުން ކަމަށް ތަރުޖަމާކޮށް ރައީސް ނަޝީދުގެ ވަފާތެރި ބޭފުޅުން އިބްރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އެދުވަހުގެ އެ ޓްވީޓް ހަނދާނަށް ގެންނަވާ އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ މެއި 15 ވަނަ ދުވަސް ކަމަށެވެ. ބޮމެއް ނުގޮވާ ކަމަށާ ލޭ އޮހޮރުވުމެއް އަދި ޓެރަރިޒަމްގެ އަމަލެއްވެސް ނުފެންނަ ކަމަށެވެ. ނަމަވެސް "ގެއްލުވާނުވިޔަސް" ގެއްލިއްޖެ ކަމަށް ވިދާޅުވެ ނަޝީދަށް ފާޑުވިދާޅުވިއެވެ.

އިބްރާ އެ އިޝާރާތް ކުރައްވަނީ އިއްޔެގެ އިންތިހާބުގެ ނަތީޖާއާއެކު ނަޝީދުގެ އެއްވެސް ހަބަރެއް ނެތް ނެތުމަށެވެ. އިންތިހާބުގެ ވޯޓް ނަގަނިކޮށް ޓީވީ ޕްރަގްރާމެއް މެދުވެރިކޮށް ސިޔާސީ އެތައް ބޮޑެތި ވާހަކަފުޅުތަކެއް ނަޝީދު ދެއްކެވިއެވެ. ވޯޓްލާން މަރުކަޒަށް ވަޑައިގެން މެންބަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. ނޫސްވެރިންނާއި ބައްދަލްކޮށް ވާހަކަވެސް ދެއްކެވިއެވެ. ވިދާޅުވީ އެމްޑީޕީ އިތުރަށް ވަރުގަދަވެ އެއްބައިވާނެ ކަމަށެވެ.

ނަމަވެސް މި އިންތިހާބުގައި އެމަނިކުފާނުގެ މުޅި އާއިލާގެ ތާއީދު އޮތް އިމްތިޔާޒް ފަހްމީއަށް ނާކާމިޔާބާ ކުރިމަތިވި ފަހުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

"މިއަދަކީ 15 މެއި. ބޮމެއް ނުގޮވާ. ލެޔެއް ނުއޮހޮރޭ. ޓެރަރިޒަމްގެ އަމަލެއް ނުފެނޭ. އެކަމަކު 'ގެއްލުވާނުލިޔަސް' ގެއްލިއްޖެ،" ނަޝީދަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވިއެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާއީލް އެވެ. ބައިލައްކައެއްހާ މީހުން ވޯޓްދިން އިންތިހާބުގައި ފައްޔާޒް ވަނީ ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. މިއީ އެމްޑީޕީގެ ތެރެއަށް އަލުން "ބޯގަންވިލާ" އައުން ކަަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ މީހުން ދެކެއެވެ.